ޚުރްތޫމް (ޖޫން 6) : ސޫދާންގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ގޮވާލައި ވެރިރަށް ޚުރުތޫމްގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމުގެ ނަމުގައި އާންމުންގެ ގަޔަށް ބަޑިޖަހައި ސިފައިން ހިންގި ގަލްތުއާންމުގައި މަރުވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ.

މިކަން ވަރަށް ގާތުން ބަލަމުން ގެންދާ ސޫދާނުގެ ޑޮކްޓަރުން ޖަމްއިއްޔާއިން ބުނީ ސިފައިން ބަޑިޖެހުމުން ޒަޚަމްވި ގިނަ މީހުން މަރުވީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށާ މަރުވި މީހުންގެ އަދަދު 106 އަށް އަރާފައިވާ ކަމުގައެވެ. މި ގަތުލުއާންމުގައި ޒަޚަމްވި މީހުންގެ އަދަދުވެސް އުޅެނީ ސަތޭކައަށްވުރެ މަތީގައެވެ. ނަމަވެސް ސޫދާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ސިފައިން ބާރުގެ ބޭނުންކުރުމުން މަރުވީ އެންމެ 46 މީހުން ކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

ރައްޔިތުން ކުރި ދިގުލީ މުޒާހަރާތަކާ ގުޅިގެން މިދިޔަ އެޕްރީލްމަހު ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު މަގާމުންދުރުކުރުމަށްފަހު ސޫދާންގައި ވެރިކަންކުރަނީ އަސްކަރީ ޖެނެރަލުން ހިމެނޭ އަސްކަރީ މަޖިލީހަކުންނެވެ. މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކުން އެދެމުންދަނީ އަސްކަރީ މަޖިލިސް އުވާލައި މަދަނީ އިންތިގާލީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށެވެ. އަދި އިންތިގާލީ މަރްހަލާގެ ދުވަސްވަރު ސޫދާން ޑިމޮކްރަސީ އަކަށް ބަދަލުކުރުމަށް ބޭނުންވާ ތައްޔާރީތައް ކުރިޔަށް ގެންދިޔުމަށެވެ.

މިކަމާބެހޭގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި އަސްކަރީ މަޖިލާދެމެދު ވާހަކަތައް ދައްކަމުންގޮސް އިންތިގާލީ މަރްހަލާއަކަށްވަނީ އެއްބަސްވެފައެވެ. ދެފަރާތުން އެއްބަސްވީ އިންތިގާލީ މަރްހަލާގައި ސިޔާދަތީ މަޖިލީހަކާއި ދަސްތޫރަށް ބަދަލުގެނައުމަށްޓަކައި ގާނޫނީ މަޖިލީހަކާ އަދި ތަންފީޒީ މަޖިލީހެއް އެކުލަވާލުމަށެވެ. ތަންފީޒީ މަޖިލީހަކީ އިންތިގާލީ ސަރުކާރެވެ. މިގޮތަށް އެއްބަސްވެފައި ވަނިކޮށް ދެފަރާތުގެ މެދުގައި މައްސަލަޖެހި ދެބަސްވުންތައް އުފެދުނީ މިތިން މަޖިލީހުގައި ސިފައިންގެ ނިސްބަތް އޮންނާނެ މިންވަރާމެދުގައެވެ.

އަސްކަރީ މަޖިލީހުން ބޭނުންވީ ތިން މަޖިލީހުގެ ތެރެއިން ކޮންމެ މަޖިލީހެއްގެ އަޣްލަބިއްޔަތުވެސް ސިފައިންނަށް އޮންނަގޮތަށް މަޖިލިސްތައް އެކުލަވާލުމަށެވެ. އިދިކޮޅު ކޯލިޝަނުން ބޭނުންވަނީ ތިން މަޖިލީހުގެ ތެރެއިން ކޮންމެ މަޖިލީހެއްގެ އަޣްލަބިއްޔަތުވެސް ސިޔާސީ މީހުންނާއި ޓެކްނޮކްރޭޓުން ހިނެނޭގޮތަށް މަދަނީ ފަރާތްތަކަށް އޮތުމަށެވެ.

މިދެބަސްވުންތައް ދިގުލައިގެން ދިޔުމުން އަސްކަރީ މަޖިލީހުންވަނީ އދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާއި އެއްވުންތަކުގެ ސަބަބުން ގައުމުގެ އަމަން އަމާންކަން ގެއްލޭކަމަށްބުނެ އިދިކޮޅު ފަރާތްތަކަށް އިންޒާރުތައް ދޭންފަށާފައެވެ. މި އިންޒާރުތައް ދެމުން ގެންދާތާ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ސިފައިންވަނީ މުޒާހަރާކުޜާ މީހުންގެ ގަޔަށް ބަޑިޖަހައި އަދި ލަޓީބުރިންނާ އެނޫންވެސް ތަކެތީގެ ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު މަރާލުމާއެކުވެސް އިދިކޮޅު އެއްވުން ރޫޅާލެވިފައެއް ނުވެއެވެ. އަދި މުޒާހަރާތައްވެސް ހުއްޓުމަކަށް ގެނެވިފައެއް ނުވެއެވެ.

އެއްވުން ރޫޅާލުމަށް ސިފައިން ބަޑިޖަހައި ބާރުގެ ބޭނުންކުރުމުން ފުރަތަމަ މަރުވިކަމަށް ޚަބަރު ލިބުނީ 13 މިހުންނެވެ. އަދި ޒަޚަމްވިކަމަށް ޚަބަރުތައް ބުނީ 116 މީހުންނެވެ. ނަމަވެސް ބާރުގެ ބޭނުންކުރިތާ ހަތަރު ދުވަހަށްފަހު މަރުވި މީހުންގެ އަދަދުވަނީ 106 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދުވެސް ވަނީ 150 އަށްވުރެ މަތީގައެވެ.

ސޫދާނުގެ އަސްކަރީ މަޖިލީހުން އދިކޮޅު އެއްވުމާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަށް ސިފައިންނަށް އަމުރުކުރީ އަސްކަރީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މިސްރު، ޔޫއޭއީ އަދި ސައޫދީ އަށް ކުރެއްވި ކުއްލި ދަތުރުފުޅަކަށް ފަހުއެވެ. އެދެބޭފުޅުންނަކީ އެތިން ގައުމުގެ ތާއީދުލިބިފައިޥާ ދެބޭފުޅުންކަމަށް ޚަބަރުތައް ބުނާއިރު ސޫދާނުގެ އިދިކޮޅު ލީޑަރުންވަނީ އެއްވުމާ ދެކޮޅަށް ސިފައިން ބާރުގެ ބޭނުންކުރީ މިސްރު، ޔޫއޭއީ އަދި ސައޫދީ އިސްވެރިންގެ އެދުމުގެ މަތިން ސޫދާނުގެ ވެރިކަން ޑިމޮކްރަސީއާ ދިމާއަށް ދިޔުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށްފައެވެ.

މިސްރު، ޔޫއޭއީ އަދި ސައޫދީ އަކީ އަރަބި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ ތެރެއަށްވެދެ އެތިން ގައުމުގެ މަސްލަހަތާ އެއްގޮތަށް އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބައްޓަން ކުރުމަށް މަސައްކަތްކުޜާ ކަމުގެ ތުހުމަތު ކުރެވިފައިވާ ތިން ގައުމެވެ.

މީގެތެރެއިން ޔޫއޭއީ އާއި ސައޫދީއަކީ ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކަމަށްބުނެ ޔަމަނުގެ އާންމުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ އެއް ކުރަމުން ގެންދާ ދެގައުމެވެ. ސޫދާނުގެ އަސްކަރީ މަޖިލީހުންވަނީ ބަޝީރުގެ ވެރިކަމުގައި ސައޫދީ އާއި ޔޫއޭއީ އެދުމުގެ މަތިން ޔަމަންގެ ހަނގުރާމައަށް ފޮނުވި ސޫދާން ސިފައިން ޔަމަންގައި ބޭތިއްބުމަށް ދާދިފަހުން ނިންމާފައެވެ. (ނޫސްއެޖެންސީތައް)