24 Oct 2011, 14:59
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި ގަވައިދާ ހިލާފަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާކަން އެ މުއައްސަސާގެ އޮޑިޓް ރިޕޯޓުން ފަޅާއަރައިފި އެވެ.
ހަތް މެމްބަރުން ތިއްބަވާ ޓްރައިބިއުނަލުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ޓްރައިބިއުނަލްގެ މެމްބަރުން ވަނީ "އެއްވެސް ރެކޯޑެއް ބެލެހެއްޓުމެއް ނެތި" އިތުރުގަޑީގެ ފައިސާގެ ގޮތުގައި ޖުމްލަ 275،904ރ. ނަގައިފަ އެވެ
"އުސޫލެއްގެ ގޮތުން އިތުރުގަޑީގެ ފައިސާއަކީ ރަސްމީގަޑީގެ އިތުރުން އެހެނިހެން ގަޑިތަކުގައި ނިކުމެ ކޮށްފައިވާ މަސައްކަތުގެ ރެކޯޑަށް ބަލައި ދެވޭ ފައިސާއަކަށް ވެފައި އިތުރު ގަޑީގެ ފައިސާއަކީ މުސާރައާ އެކު ލިބިވަޑައިގަންނަވާ ފައިސާއަކަށް ނުވާތީ، ޓްރައިބިއުނަލްގެ މެމްބަރުންނަށް ރެކޯޑް ބެލެހެއްޓުމެއް ނެތި ދީފައިވާ އިތުރުގަޑީގެ ފައިސާއަކީ ދެވިގެންވާނެ ފައިސާއެއް ކަމަށް މި އޮފީހުން ނުދެކެމެވެ،" އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވާ އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ
އިތުރުގަޑީގެ ފައިސާގެ މައްސަލަ ފާހަގަކުރެވުމުން އެކަން ރައީސް އޮފީހުން ސާފުކުރުމަށް ޓްރައިބިއުނަލަށް މިދިޔަ މާޗު މަހު އެންގި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރައީސް އޮފީހުން ޓްރައިބިއުނަލަށް ދިން ޖަވާބުގައި ބުނެފައިވަނީ، މެމްބަރުން އިތުރުގަޑީގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ އެ މަސައްކަތްކުރެއްވި ގަޑިއަކަށް ބަލައި، މުސާރައިގެ 45 ޕަސަންޓަށްވުރެ އިތުރު ނުވާ ގޮތަށް އެ އެފައިސާ ނެގުމަށެވެ
ނަމަވެސް، އެމުއްދަތުގައި މެމްބަރުން ނެންގެވި އިތުރު ގަޑީގެ ފައިސާއަކީ ފިކްސްޑް އޯވާ ޓައިމަކަށް [މުސާރައިގެ 45 ޕަސަންޓަށް[ ހަމަޖައްސަން އެދުމުން، އެގޮތަށް ރައީސް އޮފީހުން މި މަހުގެ 13 ވަނަ ދުވަހު ހަމަޖައްސާ ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން، "އޮޑިޓަރުން ފާހަގަކުރެއްވި މެމްބަރުންގެ އިތުރު ގަޑީގެ މައްސަލަ ވަނީ ހައްލު ކުރެވިފައި"ވާ ކަމަށް ޓްރައިބިއިނަލުން ބުނާ ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އެ އޮފީހުގައި ގިނަ އަދަދެއްގެ ޕާޓް ޓައިމް މުވައްޒަފުން ގެންގުޅޭއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތުގަ އޮފީހަށް ހިދުމަތްކޮށްފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޕާޓް ޓައިމް މުވައްޒަފުންގެ ހާޒިރީ އޭޕްރިން 2009 އެއްގެ ކުރިން އެއްގޮތަކަށްވެސް ބަލަހައްޓައިފަ ނުވާ ކަމަށާއި އަދި އޭގެ ފަހުގެ ހާޒިރީ ރެކޯޑް ތަކަށް ބަލާއިރު އެ މުވައްޒަފުން އޮފީހަށް ހާޒިރުވެފައިވަނީ ބައެއް މަސްތަކުގައި އެންމެ ތިން ދުވަހު ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދި އެމީހުން އޮފީހަށް ހާޒިރު ނުވުމުން މައްސަލަތައް ދިގުލައިގެން ގޮސް، ބައެއް އަޑުއެހުންތައް ކެންސަލްކުރަން ޖެހިފައިވާކަން ވެސް އެ ރިޕޯޓުން އެނގެ އެވެ
"ޕާޓް ޓައިމް މެމްބަރުންގެ ހިދުމަތުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާއިރު ވެސް އެބޭފުޅުންގެ މެމްބަރުކަމުގެ މުއްދަތުގައި ޖުމްލަ 350،271ރ. މުސާރައިގެ ގޮތުގައި ދެވިފައިވާކަން ފާހަގަކުރެވުނެވެ."
މީގެ އިތުރުން ޓްރައިބިއުނަލްގެ ބިލުތަކަށް ވަގުތަށް ފައިސާ ނުދައްކައިގެން ޖޫރިމަނާކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ. އެ ޖޫރިމަނާ އަށް ދައުލަތުން ފައިސާ ދައްކާފައިވާއިރު "އިހުމާލުވާފަރާތުން މި ފައިސާ ހޯދުމަށްފަހު ދައުލަތުގެ ބަޖެޓަށް އަނބުރާ ޖަމާކޮށްފައިނުވާކަން" ފާހަގަކުރެވުނު ކަމަށް ބުނެފައިވެ އެވެ
އަދި އޮފީހަށް ތަކެތި ހޯދުމުގައި މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ
އޮޑިޓާ ޖެނެރަލް އިސްލާހުކުރަން ހުށަހަޅުއްވާފައިވާ ކަންތަކުގެ ތެރޭގައި މުއްދަތު ހަމަވުމުގެ ކުރިން ބިލު ދެއްކުމާއި އެގޮތަށް އަމަލު ނުކުރުމުން ދައުލަތުން ދައްކާ ޖޫރިމަނާގެ ބަދަލު އިހުމާލުވާ ފަރާތުން ހޯދުން ހިމެނެ އެވެ. އަދި މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އޮފީހަށް ތަކެތި ހޯދުމަށާއި ޓްރައިބިއުނަލަށް ވަންނަ ފައިސާ ރަސީދަކުން ބަލައިގަނެ ދުވަހު ފޮތަށް ވެއްދުމަށް އަންގާފައިވެ އެވެ. އަދި ޕާޓް ޓައިމް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށާއި އެމީހުން ހާޒިރުނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ރެކޯޑްތައް ބަލަހައްޓަން ވެސް ހުށަހަޅާފައިވެ އެވެ