06 Jun 2019, 17:08
ހުޅުމާލޭގައި ކުޑަ ކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މިހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކޯޓުން މިއަދު އެމީހާ ދޫކޮށްލައިފި އެވެ.
ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، 19 އަހަރުގެ އެމީހާ ހުޅުމާލެއިން ހައްޔަރުކުރީ މިިދިޔަ މަހު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 2:48 އެހާކަށްހާއިރުއެވެ. މިދިޔަ މަހު 26 ވަނަ ދުވަހު އެމީހާގެ ބަންދަށް 12 ދުވަސް ކޯޓުން ޖެހިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ކީއްވެ ކަމަށް މީޑިއާ އޮފިޝަލު ވިދާޅެއް ނުވެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ދެވަނަ ފަހަރަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން އެމީހާ ދޫކޮށްލާފައިވަނީ ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ އިޖުރާތްތަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެގޮތުން އޭނާ ދޫކޮށްލީ ޖިނާއީ އިޖުރާތުގެ 45 ވަަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށެވެ.
އެ މާއްދާަގައި ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، އެންމެ ކައި ރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެ ކަމަށެވެ.
ހުޅުމާލޭގައި ފުލުހުންގެ ދެ އިމާރާތް ހުރެއެވެ. ޝަރީއަތުގެ މަޖިލީހުގައި ގާޒީ ބުނި ގޮތުގައު ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ގެންގޮސްފައިވަނީ އެންމެ ދުރުގައި ހުރި ޕޮލިސް ސްޓޭޝަނަށެވެ.
ކުޑަ ކުދިންނާ ބެހުނު ކަމަށް ބުނާ މީހާ ފުލުހުން ހައްޔަރުކުރުމުގެ އެއް ރޭ ކުރިން އޭނާ ހިފަހައްޓައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެމީހާ ގަން ހިންގުވައިފަ އެވެ. އަދި ކުޑަކުދިންނާ ބެހުނު ކަމަށް އެމީހާ އިއުތިރާފުވާ ވީޑިއޯ އެއްވެސް އާންމުވި އެވެ.
ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ކުރިމިނަލް ކޯޓުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ މިއަދު ދޫކޮށްލާފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި މި ހަފްތާތެރޭ ހުޅުމާޅެއިން ހައްޔަރުކުރި ދެމައިން ވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ. ނަމަވެސް ތިން ވަނަ ފަހަަރަށް ރޭ ކޯޓު އަމުރާ އެކު ފުލުހުން އެ ދެމީހުން ހައްޔަރު ކުރި އެވެ. އަދި މިއަދު ހުޅުމާލޭ ކޯޓުން ވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހިމެނޭ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އަދި އަންހެން މީހާގެ ބަލި ހާލަތު ހުރި ގޮތުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރު ކުރި އެވެ.