ބ. އަތޮޅުގައި ހިންގާ ރިސޯޓަކުން އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫ އަށް ކުނިއަޅާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ކެޔޮދޫ އަތިރިމައްޗަށާއި ރަށުތެރެއަށް އަޅާފައިވާ ކުނި ފުނިތައް ފެންނަ ފޮޓޯތަކެއް ޓްވިޓާގައި ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަނީ ކޮތަޅުކޮތަޅަށް އަޅާފައިވާ ކުނިތައް ކެޔޮދޫ ގޮނޑުދޮށަށް އަޅާފައިވާ ތަނެވެ. ކުނީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކަރުދާސް ފޮށި ހިމެނެއެވެ.

ޓްވިޓާގައި އާންމުކޮށްފައިވާ ފޮޓޯތަކާއެކު އެ މައްސަލަ ހިއްސާކުރި ފަރާތުން ބުނެފައިވަނީ ކެޔޮދޫ އަތިރިމައްޗަށް ކުނި އަޅާފައި ހުންނަނީ އެ ރަށާ ކައިރީ ގައި ހިންގާ ރިސޯޓަކުން ކަމަށެވެ.

ރިސޯޓުން ފަޅުރަށަށް ކުނިއަޅާ އިމާވެށި ހަލާކުކުރާ މައްސަލަ ބެލުމަށް ބައެއް ފަރާތްތަކުން ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގޮވާލައިފަ އެވެ.

ކެޔޮދޫ އަށް ކުނިއަޅާފައިވާ މައްސަލައާއި ގުޅޭގޮތުން އެންވަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކެޔޮދޫ އަށް ކުނިއަޅާފައިވާ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށެވެ.