މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ގެއެއް ރެއިޑުކޮށް އެގެއިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ ފަސް ވަނަ ދުވަހު ހަވީރު 16:19ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ.ފެށިއޮންމީޑު ގެ ބަލައި ފާސްކޮށް މަސްތުވާ ތަކެއްޗާ އެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ދެ މީހަކާއި 19 އަހަރުގެ މީގެއްގެ އިތުރުން 47 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއް ކަމަށާއި މި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މ.ފެށިއޮންމީޑު ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގެއަކީ ވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމައްސާދީފައިވާ ގެއެއް ކަމަށާއި އެގެއަކީ ފުލުހުން ވަނަ ނުދިނުމަށް ދަގަނޑު ދޮރު ހަރުކޮށް ދޮރުކައިރީ ސެކިޔުރިޓީ ބަލަހައްޓަމުންދާ ގެއެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި އެގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑިހުރުތު ބަހުން ތަފާތު ލިޔުންތައް ލިޔެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހަތަރު ގެއެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ގެއެއްކަމަށްވާ މ. އެވަރެސްޓްއާގެއިން މަސްތުވާތަކެއްޗާ އެކު 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.