24 Oct 2011, 14:34
ކ. ގުޅީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހަކު ދިރިއުޅޭ ގެއަށް ބަޔަކު ވަދެ، އެ ނަރުސް ކުއްޖާ ރޭޕް ކޮށްލައިފި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއީ ފުލުހުން މައުލޫމާތެއް ދިނުމުގެ ކުރިން މިފަދަ ހަބަރެއް ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ހެލްތު މިނިސްޓްރީން ވަނީ މިކަމާ ގުޅޭ ހަބަރެއް މިއަދު އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ގުޅީގައި ނަރުސް ކުއްޖާ ރޭޕްކުރި ހާދިސާއާ ގުޅިގެން އެރަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަނަ ކަމަށެވެ.
ރޭޕްކޮށްފައި ވަނީ ކޮން ގައުމެއްގެ ކާކު ކަމެއް ފުލުހުން ވެސް އަދި ހަބަރު އާންމު ކުރި މިނިސްޓްރީން ވެސް ބުނެފަ އެއް ނުވެއެވެ. ގުޅީ ކައުންސިލާއި ސިއްހީ މަރުކަޒުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ގުޅީގައި ރޭޕްކޮށްލާފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ނަރުހެއް ކަމަށާއި އޭނާ ރޭޕްކޮށްލާފައި ވަނީ ގުޅީގައި އޭނާ ދިރިއުޅޭ ގެއަށް ވަން ތިން މީހަކު ވެގެން ކަމަށެވެ. ނަރުސް ކުއްޖާ ރޭޕްކޮށްލާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި ހާއްސަކޮށް އަތޮޅުތަކުގައި ފަހަކަށް އައިސް ހިންގާ މިފަދަ ހާދިސާތައް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވަމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށާއި އޭގެ ސަބަބުން ޕްރޮފެޝަނަލް ޓެކްނިކަލް މީހުން ރާއްޖޭގައި މަސައްކަތް ކުރަން އައުމަށް ދެކޮޅު ހަދާ ކަމަށެވެ. އޭގެ ސަބަބުން ސިއްހީ ހިދުމަތް ދިނުމަށް ބޮޑެތި ހުރަސް ކުރިމަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.
"... މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވުމުގައި ރަށްރަށުގެ ރައްޔިތުންގެ ޒިންމާއެއް އޮންނާނެ ކަމުގައި މި މިނިސްޓްރީން ގަބޫލު ކުރާތީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހުރިހާ ރައްރަށުގެ ރައްޔިތުންނަށާއި އެންމެހާ މުއައްސަސާތައް މަސައްކަތް ކޮށްދެއްވުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަން،" ހެލްތު މިނިސްޓްރީން އާންމު ކުރި ހަބަރު ނޯޓުގައި ވެއެވެ.