ތިމާވެށްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ ތަފާތު ވިހަ މާއްދާތަކުން ތަގައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި މަރުވެގެންދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެެވެ.

"ވައި ތަގައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރިއިރު، އަޅުގަނޑުމެންގެ ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައެވެ. ސިނާއީ ބޮޑެތި ކާރުހާނާތައް ނެތެއްކަމަކު، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރުތަކަށް އަޅުގަނޑުމެން ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫނެވެ." ރައީސްގެ ޚިތާބުގައި ވެއެވެ.

ރައީސް ވިދާޅުވީ އާބާދީގެ ބޮޑު ޕަސެންޓްއެއް، މާލެއަށް ތޮއްޖެހިފައިވާއިރު، އެ އެންމެން ނޭވާލާން ޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަގައްޔަރުވެފައިވާ ވައިގެ ތެރެއަށް ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށްވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ތިމާވެށްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަަމަށެވެ.

" ވައި ސާފުވުމާއި، ވައި ތަގައްޔަރުވުމަކީ، އަޅުގަނޑުމެންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ގަބޫލުކޮށް، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ނޭވާލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަގައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.