ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ދޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނައަށް ދެމުން އަންނަ ހާއްސަ ރައްކާތެރިކަން އެ ގޮތުގައި ދަމަހައްޓަން ޖެހޭތޯ ބަލައި މުރާޖާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމަރު ނަސީރަށް ސެކިރިޓީން ދޭން ފެށީ 2016 ވަނަ އަހަރު ޖުލައި މަހު 31 ވަނަ ދުވަހު އޭރު ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. އުމަރު އޭރު ފުލުހުންނަށް ހުށަހެޅި އޭނައަށް ބިރުދައްކައި އިންޒާރުދިން މައްސަލައާ ގުޅިގެން އެދުވަހުން ފެށިގެން މިއަދާ ހަމަށް ފުލުހުން އަންނަނީ އޭނަށް ހާއްސަ ރައްކާތެރިކަން ދެމުންނެވެ.

ސަލާމަތީ ބާރުތަކުން އުމަރަށް އަދިވެސް ސެކުރިޓީ ދެނީ ކީއްވެގެންތޯ މިއަދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަވާފައެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމަރަށް ދިން އިންޒާރަކާ ގުޅިގެން އަދިވެސް އޭނައަށް ހާއްސަ ރައްކާތެރިކަން ދެމުން އަންނަ ކަމަށާއި ނަމަވެސް އޭނާ އަށް މިހާރު ފުލުހުން ދެމުން އަންނަ ހާއްސަ ރައްކާތެރިކަން އެ ގޮތުގައި ދަމަހައްޓަން ޖެހޭތޯ ބަލައި މުރާޖާ ކުރަމުން އަންނަ ކަމަށެވެ.

"ނަމަވެސް އުމަރު ނަސީރަށް ސެކިއުރިޓީ ދޭން ޖެހޭ ހާލަތެއް އޮތްތޯ ބަލައި އޭނާއަށް ސެކިއުރިޓީ ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި ހަރަކާތްތަކައް ހިނގާ ރާއްޖެއިން ގޭންގްތައް ނައްތާލުމަށް ބައެއް ކަންތައްކެއް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ގޭންގްތަކަށް ނިސްބަތްވާ މީހުން ކަމަށް ބުނެ، ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގް އެޅުވައި މޮނިކޮން ގާނޫނެއް ވުޖޫދުކޮށް ބައެއް މީހުން ގައިގައި ޓެގް އަޅުވައިފައެވެ. އެކަމާ ގުޅިގެން އޭރުގެ ސަރުކާރުގެ ތެރެއިން ވެސް އުމަރަށް ފިއްތުންތައް ކުރިމަތިވެ އަދި ގޭންގުތަކުން އޭނައަށް އިންޒާރުދީ ހަދާފައިވެއެވެ.