24 Oct 2011, 14:20
ތުރުކީގެ އިރުމަތީ ސަރަޙައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، މުދަލަށާއި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ތުރުކީގެ ބޮޑުވަޒީރު ޠައްޔިބު އުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފި އެވެ.
ބޮޑުވަޒީރު ޢުރުދުޣާނަށް ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތުރުކީ ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.
އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސްގެ މެސެޖްގައި އެދިވަޑައިގެންފައިވެ އެވެ.