ދުނިޔެ ހޫނުވުން ކުޑަވާނެ އިރެއްގެ އިންތިޒާރުގައި ތިބެން ވަގުތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ ކްލައިމެޓް އެންޑް ސެކިޔުރިޓީ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތައް ކުޑަވާނެ ކަމުގެ އިންތިޒާރުގައި ތިބެން ވަގުތު ނެތް ކަމަށެވެ.

ދުނިޔެ ހޫނުވަމުންދާ މިންވަރާއި އޭގެ ސަބަބުން ނިކުންނަ ނަތީޖާ ފެނި ހާމަވެފައިވާ ކަމަށާއި ކަނޑުގެ ލޮނުގަނޑުން އެންމެ މީޓަރެއް މަތީގައި އޮންނަ ރާއްޖެއަށް ކަނޑުގެ ލޮނުގަނޑު އެންމެ 30 އިންޗިއަަށް އުފުލުނު ނަމަވެސް ކުރާނެ އަސަރު އަންދާޒާ ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދުނިޔޭގެ ހޫނުމިން މިހާރު ހުރިވަރަށް ވުރެ ދެ ޑިގްރީ އިތުރުވި ނަމަވެސް ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އެންމެ ކުރީ ސަފުގައި ރާއްޖެ އޮންނާނެ ކަމަށާއި އަންނަ މަހު ނިއުޔޯކުގައި ބާއްވާ ހައި ލެވެލް ކްލައިމެޓް އެކްޝަން ސަމިޓުގައި ރާއްޖެއިން ބޮޑު ރޯލެއް އަދާކުރާނެ ކަމަށެވެ.

ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެސްގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓަރު އޮފް ފޮރިން އެފެއާޒް ހެއިކޯ މާސްގެ ދައުވަތަކަށެވެ.