ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަގައި ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ، އިއްޔެ ކޯޓުން ދޫވި ދެ މީހުން ފުލުހުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ދެމީހުން ދިރިއުޅެމުން ދިޔަ ގެއިން ރޭ ދަންވަރު 3:17 އެހާކަންހާއިރު ކޯޓު އަމުރާއެކު އެވެ. އެދެ މީހުންވެސް ދިރިއުޅެމުން ދިޔައީ ހުޅުމާލޭގަ އެވެ.

ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެ މީހުން ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މީހުން ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެެރެފައިވާ ކޯޓް އަމުރުގެ އެއް ސޮފްހާގައި ގާޒީގެ ސޮއި ނެތިގެން އެވެ. ނުބައި އިޖުރިއާތެއްގައި އޮތް ކޯޓް އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްފައި ވާތީ އެ މީހުން ކްރިމިނަލް ކޯޓުން އިއްޔެ މިނިވަން ކުރީ އެވެ.

އެ ދެމީހުން އެެންމެ ފުރަތަމަ ހައްޔަރު ކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:10 ގައި ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު އެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ ދެމީހުން އަނެއްކާވެސް ހައްޔަރުކުރި އިރު، ކޯޓުން އިއްޔެ އެމީހުން ދޫކޮށްލީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައިވާ ގޮތުން ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު ޖަހާފައި އޮންނަން ވާނެ އެވެ. ނަމަވެސް ފުލުހުން އެދިގެން ލިބުނު ކޯޓު އަމުރުގައި ސޮއި އޮތީ ހަމައެކަނި ފަހު ގަނޑުގައި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

މިފަހަރުވެސް އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.