05 Jun 2019, 14:05
ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމށް ތުހުމަތުކޮށް ހައްޔަރު ކުރި 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ހުވަދުއަތޮޅު ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކާ ބެހިގެން 71 އަހަރުގެ މީހާ ހައްޔަރު ކުރި މިިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ، 15 ދުވަސް ޖަހާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ބަންދުގެ މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް އެ މީހާގެ ބަންދަށް 15 ދުވަސް މިއަދު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއަށް ވެސް ތުހުމަތުކުރެވެ އެވެ.
ޖެންޑާ މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ މިހާރު ވަނީ "ރައްކާތެރި މާހައުލަކަށް" ބަދަލުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހު 10 ވަނަ ދުވަހެއެވެ. މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވަތީ މި މައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ޖެންޑާ މިނިސްޓްރީން ވެސް ނުދެއްވައެވެ.
ގދ. އަތޮޅު ރަށަކުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާއިރު، މި ހަފްތާތެރޭގައި ހަމަ އެ އަތޮޅު ރަށަކުން ދޮންބައްޕައަކު 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވި އެވެ.
މީގެ އިތުރުން މިދިޔަ މަސްތެރޭ މެދު ރާއްޖެތެރެ އަަތޮޅަކުން، 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ. މިހާރަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ފެންމަތިވުން ވަނީ އިތުރު ވެފަ އެވެ.