އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޖިނާއީ ކުށްތަކުގައި ގާނޫނީ ލަފާ ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާ އިން ސޮއިކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ، އިކޮނޮމިކް ޓައިމްސް ގައި ބުނީ މޯދީގެ ދަތުރުފުޅުގައި ސޮއިކުރަން ނިންމާފައިވާ އެއްބަސްވުމާއެކު ސަރަހައްދުގައި ޓެރަރިޒަމް ހުއްޓުވުމަށް ދެގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުން ވަނީ ދެގައުމުގެ އިދާރާތައް ގުޅިގެން އެއްގައުމުން އަނެއް ގައުމަށް ލީގަލް އެސިސްޓެންސް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.

މޯދީގެ ދަތުރުފުޅުގައި ސޮއިކުރަން ނިންމާފައިވާ އެއްބަސްވުމާއެކު އެ މަޝްވަރާތަކަށް ރަސްމީ ސިފައެއް އައިސް، ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށާއި އެއާއެކު ދެކުނު އިންޑިއާގައި އޮތް ޑްރަގުގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ހުއްޓުވައި، ސަރަހައްދުގައި ޓެރަރިޒަމް ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް ޓައިމްސް ގައި ބުނެފައިވެއެވެ.

މައުލޫމާތު އެނގޭ އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސްގައި އިތުރަށް ބުނީ އިންޑިއާ-ރާއްޖެ ސޮއިކުރާ ލީގަލް އެމްޔޫއޯ އާއެކު ކުށްވެރިންނަށް ދައުވާ ކުރުމާއި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމަށް ދެގައުމުން އެއްގައުމު އަނެއްގައުމަށް އެހީވާނެ ކަމަށެވެ.

މި މުއާހަދާގެ ދަށުންކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ރާއްޖެއާ އިންޑިއާއިން ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭ މުއާހަދާއެއްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް"ގެ ނަމުގައި އެކުލަވަލާ މި މުއާހަދާގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކެބިނެޓުގެ މަޝްވަރާގެ މަތިންނެވެ.

އިންޑިއާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ މިހަފްތާ ބަންދުގައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތަފްސީލެއް އެއްވެސް ގައުމަކުން އަދި ހާމައެއް ނުކުރެއެވެ. މި ދަތުރުފުޅުގައި މޯދީ ރާއްޖެގެ ގާނޫނު ހަދާ މަޖިލިހުގައި ތަގުރީރު ކުރައްވާނެއެވެ. މޯދީ ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.

މޯދީގެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ. އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅުވެފައިވާއިރު ރާއްޖެއަކީ މޯދީ ދެވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށްފަހު ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ގައުމެވެ.