އަހުމަދު އާޒިފު އަދި މުހައްމަދު ހަސަން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ކައިރި އަށް ބުރާސްފަތިދުވަހު އެމްޑީޕީން އެއްވެ، ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މައުމޫންގެ ދަރިކަލުން ޣައްސާން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ. ޣައްސާން ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއް ގޮތަށް ނޫން ކަމަށް ކޯޓުން ކަނޑައެޅުމުން މިރޭ ޣައްސާނު މިނިވަންކޮށް ވަނީ ބަންދުން ވީއްލައިފަ އެވެ. ޣައްސާނު ދޫކޮށްލުމުން މިއަދު ހެނދުނު ޣައްސާނު ބަންދު ކުރީއްސުރެ ވާރެއާ ތެމިގެން އޭނާ މިނިވަން ކުރުމަށް ގޮވާލަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު މިރޭ ވަނީ އުފާ ފާޅުކޮށް އަޑު އުފުލައިފަ އެވެ.

http://sun.mv/albums/l_2160.jpgk>

ފުލުހުން ޣައްސާނު ހައްޔަރު ކުރުމުން އޭނާގެ ވަކީލުންގެ ޓީމުން ވަނީ އޭނާ ވަގުތުން މިނިވަން ކުރުމުގެ އަމުރަކަށް ހެނދުނު ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެއާ ގުޅިގެން މިއަދު ހަވީރު 4:00 ޖެހިއިރު ޣައްސާން ކޯޓަށް ހާޒިރު ކޮށް އަޑު އެހުމެއް ބޭއްވުމަށް ފަހު ޣައްސާންގެ ބަންދާ މެދު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު ޣައްސާން ހައްޔަރު ކޮށްފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.

ޣައްސާންގެ ހައްޔަރު ކުރުމަށް ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ މ. އެންދެރިމާގޭ ކައިރިއަށް ބަޔަކު އެއްވުމުން އިންވެގެން ހުރި އެންދެރިގަހުގެ މަތީގައި ހުންނަވައި ޣައްސާން ލަކުޑި ބުރިއެއް އެއްވެފައި ތިބި މީހުންގެ ތެރެއަށް ވައްޓާލާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ހާދިސާގައި މީހެއްގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

http://sun.mv/albums/l_2154.jpg

ޣައްސާނުގެ ލޯޔަރުންގެ ޓީމުން ޝަރީއަތުގައި މިއަދު ބުނަމުން ދިޔަީ ޣައްސާން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި ހައްޔަރު ކުރުމުގެ އާންމު އުސޫލަކީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުން ކަމަށާއި އެ ނޫން ހާލަތެއްގައި ހައްޔަރު ކުރެވޭނީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ ކުށެއް ކުރާކަން ގަބޫލު ކުރެއްވިއްޖެ ހިނދެއްގައި ނުވަތަ ކުށެއްކޮށް އެކަމުގެ ހެކިތައް ފެންނަން ހުރި ހިނދެއްގައި ކަމަށެވެ.

ފުލުހުން ޣައްސާނު ހައްޔަރު ކުރީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ އެ މީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަތުރުތެއް ކަނޑައެޅިދާނެ ކަމަށެވެ.

ޣައްސާންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަ ވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރު ޝަރީއަތުގައި ވިދާޅުވީ ޣައްސާނު ހައްޔަރު ކޮށްފައި ވަނީ އޭނާއާމެދު ތުހުމަތު ކުރެވޭ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުން ކަމަށާއި ހައްޔަރުކޮށްފައި ވަނީ މައުލޫމާތެއް ސާފު ކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ.

http://sun.mv/albums/l_2158.jpg

ޝަރީއަތުގައި ފުލުހުންގެ ފަރާތުން ވާހާކަ ދެއްކެވި ގާނޫނީ ވަކީލު އަދި، އަދި ފުލުސް ސްޕްރިޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވީ ޣައްސާން ހައްޔަރުކުރީ މ. އެންދެރިގަސް މަތިން އެއްލައިލި ލަކުޑިބުރިއަކުން މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާތީ އެކަމަކީ ޣައްސާން ކުރިކަމެއްކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. ޣައްސާން އެ ލަކުޑިބުރި އެއްލައިލިކަން ޝަރީއަތަށް ސާބިތުކޮށްދެވޭވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވިއެވެ.

އޭނާ ވަނީ ހެއްކެއްގެގޮތުގައި އެންދެރިމާގޭ ކައިރިން އަނިޔާ ލިބުމަށްފަހު މިހާރު އައިޖީއެމްއެޗް ގައި ފަރުވާދެމުން ގެންދާ ޒުވާނާގެ މެޑިކަލް ރިޕޯޓުތަށް ވެސް ކޯޓަށް ހުށަހަޅާފައެވެ. އެއަށް ރައްދު ދެއްވައި ޣައްސާންގެ ވަކީލުންގެ ޓީމުން ބުނީ ކޮންމެ ކަމެއްގައިވެސް މެޑިކަލް ރިޕޯޓުތަށް ހުށަހެޅިދާނެ ކަމަށާއި ލަކުޑިބުރި ޣައްސާން އެއްލާލި މަންޒަރު ދުށް އެއްވެސް ހެއްކެއް ފުލުހުން ކޯޓަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެކަމަކީ ޣައްސާން ކުރިކަމެއް ކަމަށް ބުނެ ފުލުހުން ދައްކަވާ ވާހަކަތައް ސާބިތުކޮށް ނުދެވޭނެކަމަށެވެ.

މިއަދު ގެ ޝަރީއަތުގެ މަޖިލީހުގައި ޣައްސާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މ. އެންދެރިމާގޭ ކައިރީ އެމްޑީޕީން ހިންގި ހަމަނުޖެހުމުގައި ލަކުޑި ބުރިއެއް މީހަކު ނަގައިގެން ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްކަމަށް ބުނެ ވީޑިއޯއެއް ޝަރީއަތަށް ހުށަހެޅި އެވެ. އެވީޑިއޯތަކަކީ ރާއްޖޭގެ ޓީވީ ޗެނަލްތަކުން ދައްކާފައިވާ ވީޑިއޯތަކެއް ބުނެ އެ ވީޑިއޯތަކުން ލަކުޑި ބުރިއެއް ނަގައިގެން ހުއްޓާ ފެންނަ މީހާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާކަމަށް ވެސް ވަކީލުންގެ ޓީމުން ބުންޏެވެ.
ޖިނާހު ވިދާޅުވީ އެ ވީޑިއޯތަށް ފުލުސް އޮފީހަށް ހުށަހެޅުމަށް ލިޔުމުން ރާއްޖޭގެ ހުރިހާ މީޑިއާތަކަށް އަންގާފައިވާކަމަށެވެ. ނަމަވެސް މީޑިއާތަކުން އެ ވީޑިއޯތަކެއް އަދިވެސް ފުލުސްއޮފީހަށް ދީފައިނުވާތީ އެ މަައްސަލަ ބެލޭނެގޮތެއް ނެތްކަމަށެވެ.

ޣައްސާން ފަރާތުން ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރެއްވި ލޯޔަރުންގެ ޓީމުގައި ހިމެނެނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ޣައްސާނާ ދެބެންގެ ދެދަރި މައުމޫން ހަމީދާއި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ދީނާ ހުސެއިންނެވެ.

ޣައްސާނު މައުމޫނުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ހަވީރު ކުރިއަށް ދިޔައިރު ވެހެމުން ދިޔަ ބޯ ވާރޭގެތެރޭގައި ޣައްސާނު ދޫކޮށްލުމަށް އެދި ވަރަށް ގިނަބަޔަކު ޖަސްޓިސް ބިލްޑިންގުގެ ކުރިމަތީގަޔާއި، އެ ބިލްޑިންގުގެ ފުރަގަހުން އޮންނަމަގުގައި ހުއްޓައި ނުލައި މުޒާހަރާ ކުރި އެވެ.

ދަށު ކޯޓުތައް ހިމެނޭ ޖަސްޓިސްބިލްޑިން ސަރަހައްދުގެ ހަތަރު މަގެއްގައި ފުލުހުން ރޯޑްބުލޮކް އަތުރައި ބަންދުކޮށްފައި ވީނަމަވެސް އެ ބިލްޑިންގު ކުރިމައްޗަށްވާ ގޮތަށް އޯކިޑުމަގު ގައިވެސް ވެހެމުންދިޔަ ބޯވާރޭގެތެރޭގައި އަންހެނުންގެ ބަޔަކު "ގައްސާނު ދޫކޮށްލާ" ޖަހާފައިވާ ބޯޑާއި ފޮޓޯތައް ހިފައިގެންތިބެ އޭނާ މިނިވަން ކުރުމަށް އަޑު އުފުލި އެވެ.

އަދި ޖަސްޓިސްބިލްޑިން ކައިރީ ޒިޔާރަތް މިސްކިތްކައިރީ ފުލުހުން ބަހައްޓާފައިވާ ރޯޑު ބުލޮކްތަކުގެ ފުރަގަހުގައި ރައީސް ނަޝިދާއި، ހޯމްމިނސްޓަރު ހަސަން އަފީފުގެ އިތުރަށް ޕޮލިސް ކަމިޝަނަރު އަހުމަދު ފަސީހުގެ އިސްތިއުފާއަށް ގޮވަމުން ދިޔަ އެވެ.

ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް މެންދުރު ކުރި އަމުރާ ގުޅިގެން ހަވީރު 4:00 ޖެހިއިރު ޣައްސާނު ކޯޓަށް ހާޒިރުކޮށް ފެށި ޝަރީއަތް ދެފަހަރެއްގެ މަތީން މެޑުކަނޑާލުމުން އެކަމާ ހިންހަމަ ނުޖެހިގެން އެއްވެފައިވާ ގިނަބަޔަކު ނުރުހުން ފާޅުކުރުމުގެ ގޮތުން ފުލުހުންނާއި ކުރިމަތިލައިފައި ވެއެވެ. ޣައްސާނުގެ ސަޕޯޓަރުްނާއި ޕީޕިއެމްގެ މެމްބަރުން ޖަސްޓިސް ބިލްޑިންގ އެތެރެއަށް ވަންނަން މަސަތް ކުރިނަމަވެސް ގިނަ އަދެއްގެ ފުލުހުން މިއަދު ވަނީ އެ ސަފުތައް ރުކުރުވާލައި ވަރުގަދައަށް ސެކިއުރިޓީ ބަލަހައްޓާފަ އެވެ.

ޝަރީއަތް މެދުކަނޑާލުމަށްފަހު އަލުން ޝަރީއަތް ފެށުމާއިއެކު ސުޕުރީމް ކޯޓާއި ވީކޮޅުގައި އެމްޑީޕީގެ ބައެއްމީހުން ވަނީ ޝަރުއީ ދާއިރާއަށް ފާޑުކިޔައި ޣައްސާނާއި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނާއި އަދި ޣައްސާނުގެ ބޮޑު ބޭބެ އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަޑުގަދަ ކުރާގެ އެހީގައި ގޮވާލައި މުޒާހަރާކޮށްފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ވަޒީފާއިން ވަކިކުރުމަށް ވެސް އެމީހުން ގޮވާފައި ވެއެވެ. އެމްޑީޕީން މުޒާހަރާ ކޮށް އަޑު ގަދަ ކުރަން ފެށުމުން ސްޓާފޯސްގެ ފުލުހުން ރަޔަޓް ގިއަރުގައި އެ ސަރަހައްދު ވަށައިލި އެވެ.

ޣައްސާނު ދޫކޮށްލުމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެސަރަހައްދަށް އެއްވެފައިވާ މީހުންތައް ޣައްސާނަށް މަރުހަބާ ކިޔުމުގެ ގޮތުން އަތްތިލަބަޑިޖަހާވަނީ އުފާފާޅުކޮށްފައެވެ. ގައްސާނު ކޯޓުންން ނުކުމެގެން ކާރުގައި ގެއަށް ވަޑައިގެން އިރު އޭނާއަށް ސަޕޯޓުކުރާ ގިނައަދެއްގެ މީހުން ކާރުގެ ފަހަތުން އުފާފާޅުކުރަމުން ވަނީ އެންދެރިމާގެއަށް ގޮސްފައި ވެއެވެ.



---

ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ދާދި ދެންމެއަކު މުލީއާގެ ކައިރި ބަންދުކޮށްލައި ފުލުހުން ފޯރިމަރަން ފަށައިފި.


21:21 ޣައްސާނުގެ ސަޕޯޓަރުން މިހާރު އެންދެރިމާގޭ ކައިރީގައި. އެމްޑީޕީގެ ސަޕޯޓަރުން ސުޕްރީމް ކޯޓާވީ ފަޅީގައި އަޑުގަދަ ކުރަނީ.

21:12 ކްރިމިނަލް ކޯޓު ކައިރީގައި ޣައްސާނުގެ ސަޕޯޓަރުން އުފާ ފާޅުކޮށް އަޑުގަދަ ކުރަމުން ދަނީ. ޣައްސާނު ކޯޓުން ގެއަށް ވަޑައިގަންނަވަނީ އޭނާއާއެކުގައި ވަކީލުންގެ ޓީމު އެބަތިއްބެވި، ސަޕޯޓަރުން ދަނީ ޣައްސާުނުގެ ނަމުން ގޮވަމުން

21:00 ޣައްސާން ހައްޔަރުކުރީ ގާނޫނާ އަސާސީއާއި ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި.

http://sun.mv/albums/l_2163.jpg

20:59 ސްޓާ ފޯސްގެ ފައުޖެއް ކޯޓު ކައިރިއަށް ހިނގައްޖެ. އެމީހުން ތިބީ އަދި ވޭނުގަ ނުފައިބާ. ކޯޓު ބޭރުގައި މަސްރަހު ދަނީ އިތުރަށް ހޫނުވަމުން.

20:58 ޕީޕީއެމް ސަޕޯޓަރުން ވެސް ފުލުހުންނާ ދިމާއަށް އެއްޗެތި ގޮވަމުން އެބަދޭ. ކޯޓު ބޭރުގައި ތިބި ދެޕާޓީގެ ސަޕޯޓަރުން މެދުގައި މައްސަލަ އިތުރަށް ހޫނުވަނީ.

20:45 ފުލުހުންގެ ސަފުތައް ފޫއަޅުވާލައިފަ ޖަސްޓިސް ބިލްޑިން ކައިރިއަށް އެއްވުމަށް އެމްޑީޕީ މީހުން މަސައްކަތްކުރަމުން އެބަދޭ. އެކަމަށް ހުރަސްއަޅަމުންދާ ފުލުހުންނާ އެމްޑީޕީ ސަޕޯޓަރުން ޒުވާބުކުރަމުން ދަނީ.

http://sun.mv/albums/l_2157.jpg

20:29 ފުލުހުން ގެންދަނީ ޖަސްޓިސް ބިލްޑިން ކައިރީ ފޯރިމަރަމުން. ދެޕާޓީ ސަޕޯޓަރުން މެދުގައި ހަމަނުޖެހުމެއް ނުހިނގާ. ސުޕްރީމް ކޯޓު ކައިރީ އެއްވެ ތިބި އެމްޑީޕީގެ ސަޕޯޓަރުން އަޑުގަދަކުރާއިން ޣައްސާން ހައްޔަރުކުރަން ގޮވަމުން ދަނީ. ހިލާލީގޭ ކައިރީ ތިބި ޕީޕީއެމް ސަޕޯޓަރުން އޭނާ މިނިވަންކުރުމަށް ގޮވަނީ.

http://sun.mv/albums/l_2153.jpg

20:11 ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ޖަސްޓިސް ބިލްޑިން ކައިރިއަށް އެއްވެއްޖެ.

19:57 އެމްޑީޕީ ބަޔަކު ސުޕްރީމް ކޯޓު ކައިރީ އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފި. ޣައްސާނާއި އަދި މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އެމީހުން ގޮވަމުން އެބަދޭ.

19:31 ޝަރީއަތުގެ އަޑުއެހުން މިހާރު ނިންމާލައިފި އެވެ. ޣައްސާންގެ ވަކީލުން ވަނީ މުޒާހަރާ ތެރޭ އެހެން މީހަކު ލަކުޑި ބުރިއެއް ހިފައިގެން ހުރި މަންޒަރު ދައްކުވައިދޭ ވީޑީއޯ މަންޒަރާއި ފޮޓޯ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ. އެމީހާއާ ފުލުހުން ސުވާލުކޮށްފައިނުވާ ކަމަށާއި އަދި ހައްޔަރު ވެސް ނުކުރާ ކަމަށް ޣައްސާންގެ ވަކީލުން ވިދާޅުވި. އަދިވެސް ޣައްސާން ހުންނެވީ ކޯޓު ތެރޭގަ. އަދި ފަނޑިޔާރުން ޣައްސާންގެ ބަންދާ މެދު ގޮތެއް ނުނިންމަވާ.

18:48 ނަމާދުވަގުތަަށް ފަހު ޣައްސާންގެ ޝަރީއަތް ފަށައިފި.
http://sun.mv/albums/l_2155.jpg

17:57 މަޣުރިބު ނަމާދު ވަގުތަށް ޣައްސާން މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލައިފި. ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނީ ޣައްސާން ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެންދެރިމާގެ ކައިރިއަށް އެމްޑީޕީ މީހުން އެއްވެ ކުރި މުޒާހަރާގައި އެންދެރިމާގޭ މަތިން ލަޓިބުރިއެއް ހޫރުވާލި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ކަމަށް. ފުލުހުން ބުނީ ފުލުހުންގެ އަތުގައި ހެކި ވެސް ހުރި ކަމަށް. އަދި ފުލުހުން ބުނީ އެ ހާދިސާގައި މީހެއްގެ ގައިގައި އެ ލަޓިބުރިން ޖެހުނު ކަމަށާއި އޭނާ އަދި ވެސް ހޮސްޕިޓަލްގައި ކަމަށް.

16:10 ޖަސްޓިސް ބިލްޑިން ކައިރީގައި ފުލުހުން ފޯރިމަރަމުންދާތީ އެއްވެފައިވާ މީހުން ތިބީ ތަންކޮޅެއް ދުރުގައި. ޣައްސާނު ދޫކޮށްލުމަށް ގޮވާލައި ޕޯސްޓަރުތައް ހިފައިގެން ވަރަށް ގިނަ ބަޔަކު އެބަތިބި.

16:00 ޣައްސާން ދޫނިދޫން ކްރިމިނަލް ކޯޓަށް ގެނެސްފި. ވަރަށް ގިނަ އަދެއް މީހުން ކޯޓު ކައިރިއަށް ވަނީ ޖަމާވެފައި.
http://sun.mv/albums/l_2151.jpg
-------------------
މިއަދު ހަވީރު 4:00 ޖެހުމުގެ ކުރިން ޣައްސާނު މައުމޫން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސޮއިކުރައްވައި މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ޣައްސާން މައުމޫން އޭނާގެ ނުރުހުމުގައި ގާނޫނާއި ހިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ އޭނާ ވަގުތުން ދޫކޮށްލުމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއިމެދު ގޮތެއް ނިންމުމަށް އޭނާ މިއަދު 4:00 ގެ ކުރިން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

"... އައްސާން މައުމޫންގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލައި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަކީ ޣައިރުގާނޫނީ ކަމެއްކަމަށް ކަނޑައަޅައި، އޭނާ ވަގުތުން ދޫކޮށްދެއްވުން އެދި ޢައްސާންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން މިއަދު 16:00 ގެ ކުރިން މި ކޯޓަށް (ކްރިމިނަލް ކޯޓް) ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އަންގައި އަމުރުކުކޮށްފީމެވެ،"

މިހާރު ޣައްސާން މައުމޫން ހުންނެވީ ފުލުހުންގެ ބެލުމުގެދަށުގައި ދޫނިދޫގަ އެވެ.

ޣައްސާނު ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު ޕިޕީއެމަށް ތާއީދު ކުރާ ހުރިހާ އެންމެން މިއަދު 3:00 ޖަހާއިރު މ. އެންދެރިމާގޭ ކައިރިއަށް އެއްވަން ޕީޕީއެމް އިން ވަނީ ގޮވާލައިފަ އެވެ.

ޕާޓީގެ ތަރުޖަމާނު މަހުލޫފު މިއަދު ވިދާޅުވީ މިއަދު އެއްވާ އެއްވުމަކީ ޣައްސާނު ދޫކޮށްލުމަށް އެދި ސަރުކާރަށް އަޑު އިއްވަން ބާއްވާ އެއްވުމެއް ކަމަށެވެ. މިއަދު ފަށާ އެއްވުން ޣައްސާނު ބަންދުން ދޫކޮށްލައްދެން ސިލްސިލާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޢާ