05 Jun 2019, 10:57
މިއަދުވެސް އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، އީދު ބަންދާއި އެހެންވެސް ކަންކަމަށް ދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުތައް ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، މޫސުމަށް ސަމާލުވުމަށް އަންނަނީ އިރުޝާދުދެމުން އެވެ.
އަތޮޅުތަކަށް ފުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހަމަޔަށް ހުރިތޯ ސިފައިން ގެންދަނީ ބަލަމުން އެވެ. މިހާރުވެސް ގިނަ ބަޔަކު ވަނީ އަތޮޅުތަކުގެ ރަށްރަށަށް ޗުއްޓީއަށް ގޮސްފަ އެވެ.
މިހާރު މިކުރާ ވިއްސާރައަކީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މެޓުން ބުންޏެވެ.
މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި އިއްޔެ އާއި މިއަދުވެސް ގިނަ ރަށްރަށުގައި ފެންބޮޑުވެފައިވެ އެވެ. އެގޮތުން އިއްޔެވެސް ކުޅުދުއްފުއްޓާއި ނޮޅިވަރަމް އަދި ނ. ވެލިދުއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ވަނީ ފެންވަދެފަ އެވެ.
މިފަހަރު އީދު ބަންދާ މި ދިމާވީ، ހުޅަނގު މޫސުމުގެ ފަސް ވަނަ ނަކަތް، މިއަހެލިއާ އެވެ. މި މަހުގެ 16އާ ހަމަޔަށް މި ނަކަތް ދެމިގެންދާއިރު، އާންމު ގޮތެއްގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ އެވެ.