05 Jun 2019, 01:24
ހައްދުފަހަނައެޅި ޓެރަރިސްޓް ޖަމާއަތް އައިސްއެސްއަށް ތާއީދުކުރާ ގްރެފިޓީ ތަކެއް އައްޑޫ ހިތަދޫގެ އާންމުތަނެއްގައި ކުރެހި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ، މި ދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އަދި އައްޑޫ ހިތަދޫ މައިލޯ ސްޓޭޑިއަމް ކައިރީ ހުރި އިމާރާތްތެއްގެ ފާރުގައި އެފަދަ ގްރެފިޓީއެއް ކުރަހާފައި ހުއްޓާ ފެނިގެން ޖެހިގެން އައި ދުވަހުއެ ގްރެފިޓީ ފުލުހުން ފުހެލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ގްރެފިޓީ ފެންނަ ފޮޓޯއެއް ޓްވިޓާގައި މިރޭ އާންމުވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް އެ މީހުންގެ ފިކުރު ފެތުރުމާއި އިސްލާމް ދީނަށް ފުރައްސާރަކުރުން އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މުޖުތަމައުގައި ހިންގާ ހުރިހާ އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކު ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
"ހައްދުފަހަނަ އެޅި އެންމެހާ ފިކުރުތައް ފެތުރުމާއި ދީނަށް ފުރައްސާރަކުރުން ޕްރޮމޯޓްކޮށް ފެތުރުމުގެ އަމަލުތައް ހުއްޓުވަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެކަން ފުލުހުން މި ގެންދަނީ ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން ކެނޑިނޭޅި ކުރަމުން،" ކޮމިޝަނަރު ވިދާޅުވި އެވެ.
އައިސްއެސްގެ ފިކުރަށް ތާއީދު ކުރާ ބަޔަކު މިފަހުން ވަނީ އަވަށްޓެރި ލަންކާއަށް ބޮމުގެ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލައި އެ ގައުމު ނާމާންކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ.
މީގެ އިތުރަށް، އައިއެސް އާއި އެހެން ވެސް ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން 60 އަށް ވުރެ ގިނަ ދިވެހިން ސީރިޔާއަށް ގޮސް އެ ގައުމުގެ ދާހިލީ ހަނގުރާމައިގައި އަންނަނީ ބައިވެރިވަމުން އެވެ. އަދި އޭގެ ތެރެއިން ބައެއް އާއިލާތައް ހާލުގައި ޖެހި ރާއްޖެ އަންނަން ވެސް އެދެމުންދެ އެވެ.