24 Oct 2011, 13:53
އޭސީސީން ކުރި ތަހުގީގަކީ ސައްހަ ތަހުގީގެއް ނޫން ކަމަށާއި އޭސީސީން ހުށަހަޅާފައި ވަނީ ހަދާފައިވާ ބަޔާންތަކެއް ކަމަށް ކާށިދޫ ދާއިރާގެ މެންބެރު އިސްމާއިލް އަބްދުލް ހަމީދު ހައިކޯޓުގެ އިސްތިއުނާފު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.
އިސްމާއީލް އަބްދުލް ހަމީދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ކްރިމިނަލް ކޯޓްގައި ސާބިތުވެ، ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް މިއަދު ޝަރީއަތް ފެށުމުން އިސްމާއިލް އަބްދުލް ހަމީދުގެ ގާނޫނީ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ ކްރިމިނަލް ކޯޓުން ހަމީދުގެ މައްޗަށް ހުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ހަމީދުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރި ތަހުގީގަކީ ސައްހަ ތަހުގީގެއް ނޫން ކަމަށާއި އަދި އެއީ ސައްހަ ތަހުގީގެއްކަން އެނގޭނެ ބަޔާނެއް ދަށު ކޯޓުގެ ޝަރީއަތަށް ޕީޖީން ހުށަހަޅާފައި ނުވާކަމަށެވެ.
ފާއިޒު ވިދާޅުވީ އެ ކޮމިޝަނުން ޝަރީއަތަށް ހުށަހެޅި ލިޔުންތައް ހުށަހަޅާފައިވަނީ މާފަހުން ކަމަށާއި އެހެންކަމުން އެ ލިޔުންތަކަކީ ހަދައިގެން ހުށަހެޅި ލޔުންތަކެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބަޔާންތައް ހުށަހެޅިއިރު އެ ބަޔާންތައް ނަގައި ސޮއި ކޮށްފައިވަނީ އޭސީސީގެ އިދާރީ މުވައްޒަފުން ކަމަށާއި އެކަމަކީ އެ ކޮމިޝަންގެ ގާނޫނާއި ހިލާފަށް ކޮށްފައިވާކަމެއް ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.
އަދި އެ ކޮމިޝަނުން ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ހުށަހެޅި 19 ސަފުހާގެ ބަޔާނުގެ އެއް ސޮފުހާ ފިޔަވައި އެއްވެސް ސޮފްހާއެއްގައި އެ ކޮމިޝަންގެ "ސިއްކަ" ޖަހާފައިނުވާކަށާއި އެހެންކަމުން އެ ބަޔާންތަކުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭކަމަށް ވެސް ވިދާޅުވިއެވެ.
"ހަމީދުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރި ތަހުގީގަކީ ސައްހަ ތަހުގީގެއްކަމަށް އެނގޭނެ ބަޔާނެއް ޝަރީއަތަށް ހުށަހަޅާފައިނުވޭ. އެ ބަޔާންތައް ނަގައި ސޮއި ކޮށްފައިވަނީ އޭސީސީގެ އިދާރީ މުވައްޒަފުން. އެއީ އޭސީސީގެ ގާނޫނާއި ހިލާފުކަމެއް،" ފާއިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާފައިވަނީ ކޯޓުތަކުގެ ގާނޫނާއި އަދި ޖިނާއީ އިޖުރާތުގެ ގާނޫނާވެސް ހިލާފަށް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަގުތު ހަމަވިއިރު ވެސް ހަމީދުގެ ފަރާތުން އިސްތިއުނާފުގެ ދައުވާ ހުށަހަޅާ ނިމިފައިނުވާތީ ގާޒީ ވިދާޅުވީ ދެން އަންނަ ދުވަހަކުން ދައުވާގެ ބާކީ ހުރި ބައި ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.