04 Jun 2019, 22:21
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި 11 މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން މ. އެވަރެސްޓްއާގެ ފުލުހުން އިއްޔެ ހަވީރު ބަލާ ފާސް ކުރި އިރު މަސްތުވާތަކެއްޗާ އެކު 11 މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 11 މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ތިބެ، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހަދައިފައިވާ އެގެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އެވަރެސްޓްއާގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސްގަނޑަކާއި ރަބަރު ޕެކެޓެއް ފެނިފައިވެވެ.
އެގެއަށް ފުލުހުން ވަނީ ދަގަނޑު ތޭރި ދޮރުތައް ނައްޓައިގެންނެވެ. އަދި އެ ގޭގެ ފާރު ތަޅާލީ ފުލުހުންނަށް ވަދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގެތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގްރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުންކޮށް ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އެ ގެތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެގޮތަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ހުރި ބައެއް ގެތަކަށް ދޮރުތައް ހަލާކުކޮށްލައިގެން ފުލުހުން ރެއިޑް ކޮށްފައިވެސް އެބަހުއްޓެވެ.