04 Jun 2019, 21:20
ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެ، ގިނަ ގެތަކަށް ފެން ވަދެއްޖެެއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު 1:00 އިން ފެށިގެން އެރަށަށް ކުރަމުންދިޔަ ވިއްސާރަ ވުމުގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ގިނަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ. އެއާއެކު އާންމު ދަތުރުފަތުރުތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިރިއުޅެ، ކައިބޮއެ ނުހެދޭވަރަށް ހަތަރު ގެއަކަށް ފެންބޮޑުވުމުގެ ސަބަބުން އެ ގެ ތަކުގައި ދިރިއުޅޭ މީހުންނަށް އެހެން ގެތަކަށް މިހާރު ވަނީ ބަދަލުކޮށްފައި. ދެން ހުރި ގެތަކަށް މާ ބޮޑެތި ގެއްލުމެއް ނުވޭ،" އަބްދުލްލަތީފް ވިދާޅުވި އެވެ. އޭގެ ތެރެއިން ދެ އާއިލާއަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ނަރުދަމާގެ ނިޒާމް ފެއިލްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ޖަކްޝަންތަކުން ނަޖިސް މައްޗަށް އަރަމުންދާ ކަމަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓާއި ފުލުހުން، އެމްއެންޑީއެފް، ރެޑްކޮރޮސެންޓާއި ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބްދުއްލަތީފް ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު އާއިލާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށައިފަ އެވެ.
"މިއީ ފަހުގެ ތާރީހެއްގައި މި ރަށަށް އެންމެ ބޯކޮށް ވާރޭ ވެހުނު އެއް ދުވަސް "އަބްދުއްލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރަށުގައި ކުރިންވެސް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާކަން ސަރުކާރުގެ ސަމާލުކަމަށް ގެންސްފައިވާނެ ކަމަށާއި ރައްޔިތުން އެދެނީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ކަމަށެވެ.
ވޭތުވެ ދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ ގެއްލުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް އިއްޔެގެ ޖަލްސާގައި ހުށަހެޅުނުނެވެ. އެގޮތުން ފެންބޮޑުވުމުގެ މައްސަލަަތަކަށް ދާއިމީ ހައްލެއް ހޯދައިދޭން މެމްބަރުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިރޭ 8:00 އިން ފެށިގެން ދަންވަރު 12:00 އަށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.
ކުރިއަށް އޮތް ތިން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. މޫސުން ގޯސްވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރު ކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.