04 Jun 2019, 16:21
ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓް އަމުރަކާ އެކު ގޮސް ގެއެއް ބަލައި ފާސްކޮށް ހައްޔަރު ކުރި ދެ މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 3:10ގައި ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެކެވެ.
އެދެ މީހުން ވެސް ދޫކޮށްލީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ.
އެ މާއްދާގައިވާ ގޮތުން ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު ޖަހާފައި އޮންނަން ވާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެދިގެން ލިބުނު ކޯޓު އަމުރުގައި ސޮއި އޮތީ ހަމައެކަނި ފަހު ގަނޑުގައި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.