ވެލާނާގޭގައި ހިންގާ އިމިގްރޭޝަންގެ މައި އޮފީހުން ބިދޭސީންގެ ވިސާ ކާޑު ޕްރިންޓްކުރާ މެޝިނެއް ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

އެކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިމިގްރޭޝަނުން ކާޑު ހަދަން ބޭނުންކުރާ މެޝިނެއް ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުން ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލެއް މިވަގުތު ދެއްވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކާޑު ހަދަން ބޭނުންކުރާ މެޝިނެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްގެން އެ މައްސަލަ ބަލަމުން މިހާރު ދަނީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް އޮފިޝަލް ކަށަވަރުކޮށެއް ނުދެއްވަ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި، ވެލޭނާގޭ ފަސްޓް ފްލޯގައި ހިންގާ އިމިގްރޭޝަން އޮފީހުގެ އައިޓީ ސެކްޝަނުން ގެއްލުނު އެ ކާޑު ޕްރިންޓަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެ އޮފީހުގެ އައިޓީ ސެކްޝަނުގައި ކުރިން މަސައްކަތްކުރި މުވައްޒަފަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

އޭނާ އަކީ ރިޑަންޑެންސީ ޕެކޭޖުގެ ދަށުން ވަޒީފާއިން ވަކިވި ފިރިހެން ކުއްޖެއް ކަމަށާއި އޭނާ އެ މެޝިނު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވެނީ އޮފީހުގެ އެދުމުގެ މަތިން އެތަނަށް މަސައްކަތެއް ކުރަން ގޮސް އުޅުމުގެ ތެރޭގަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މެޝިނު ގެއްލުނުކަން މެނޭޖްމަންޓަށް އެނގުނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެ އެވެ.

ގެއްލިގެން އުޅޭ މެޝިނަކީ ޕްރޮވިންސްތަކުގައި ބިދޭސީންގެ ވިސާ ކާޑު ޕްރިންޓުކުރަން ބޭނުންކުރާ ޕޯޓަބަލް މެޝިނެއް ކަމަށް ވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އެތެރެވާ ބިދޭސީންގެ އަދަދު އެތައް ގުނައަކުން އިތުރުވެފައިވާއިރު އެކަމުގައި ކަމާބެހޭ އޮފީސްތަކުގެ އިހުމާލުވުންތަކެއް ހިމެނޭ ކަމަށް ސަރުކާރުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން، އިމިގްރޭޝަނާއި ހިއުމަން ރިސޯސްއަށް ސިފައިން ވައްދާ، އެ ދެތަނުގައި ވަނީ ތަހުގީގުތަކެއް ވެސް ހިންގައިފަ އެވެ. އެ ބެލުންތަކަށްފަހު ސިފައިންގެ ފަރާތުން ވަނީ ރައީސް ނަޝީދަށް ރިޕޯޓެއް އަރުވައިފަ އެވެ. އެ ރިޕޯޓުގައި އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. ނަމަވެސް އެ ރިޕޯޓްގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ވަނީ އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ މެނޭޖްމަންޓް އޮޑިޓެއް ވެސް ހަދައިފަ އެވެ.