04 Jun 2019, 15:27
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމާ އެކު ގަޑިއަކު 25 މޭލާއި 33 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 18:00ގެ ނިޔަލަށެވެ.
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަ ވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.