04 Jun 2019, 15:29
މ. ނާލާފުށީ ފަޅުތެރޭގައި އަޅާފައި އޮތް "ކަރޕެޑިއަމް" ނަމަކަށް ކިޔާ ސަފާރީއެއްގެ ނަގިލި ކަހާލައި ގަލަކަށް އަރައިފި އެވެ.
އެ ހާދިސާ ހިނގި އިރު އެ ސަފާރީގައި 17 ފަތުރުވެރިންނާއި 13 ފަޅުވެރިން ތިއްބެވެ.
ސަފާރީގެ ނަގިލި ކަހާލިި ހާދިސާ އާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ހިނގި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބުނީ މިއަދު ހެނދުނު 06:19 ގައި ކަމަށެވެ.
ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ މ.މުލީ ޕޯސްޓްގައި ތިބި ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށާއި އެ ސަރަޙައްދަށް ދިޔަ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާ އެކު، ސަފާރީގެ ވެރިފަރާތާ ގުޅިގެން ކުރި މަސައްކަތުން ސަފާރީގެ ވަށައިގެން ހަން ބައްދައި، ދިޔަވަރު ބޮޑުވުމުން، ހެނދުނު 09:40 ހާއިރު ސަފާރީ ފުންކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.