މާލޭން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުން ދަނިކޮށް، ފުރިފަހުން ހަބަރެއް ނުވެގެން އުޅުނު "އުފުރިޔާ" ދޯނި ހޯދައި އޭގައި ތިބި މީހުން ލ ކައްދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދޯނީގައި ތިބި ތިން ދިވެހިން އެފްއައިސީ "މާފަތް" ލޯންޗަށް ނަގައި މިއަދު މެންދުރު 1:30 އެހާކަށްހާއިރު ކައްދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދޯނި (33 ފޫޓުގެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށީ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން އިއްޔެ ހަވީރު 17:20 ހާއިރުއެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގައި އިއްޔެ ހަވީރުން ފެށިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެ ދޯނި ފެނިފައިވަނީ ރޭ 22:30 ހާއިރު، ލ ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށެވެ.

މޫސުން ގޯސްވެ، ކަނޑު ގަދަވެ، ދޯނި ކަފުޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ދޯނީގެ ވެރިފަރާތުން ކުރި މަސައްކަތުން އިތުރު އުޅަނދެއް ނުލިބި، ގަދަ އޮޔާއެކު ރާއްޖޭގެ ސަރަޙައްދުން ބޭރަށް "އުފުރިޔާ" ދޯނި ދާތީ، މިއަދު ހެނދުނު 06:30 ހާއިރު، ލ.ގަމުގެ އިރުން 57 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކަނޑަށް ދޫކޮއްލި ކަމަށް އެމްންޑީއެފް އިން ބުންޏެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.