ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމަށް ކަމަށާއި އަދި އެކަން ފޫބައްދަން ކުރާ މަސައްކަތް ނިމޭ ހިސާބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން ޣައްސާން މައުމޫން ހައްޔަރު ކުރުން ކަމުގައި ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް ދޫނިދުއަށް ގެންދިއުމާ ގުޅިގެން އެންދެރިމާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫންގެ ދަރިކަލުން ފާރިޝް ވިދާޅުވީ ޣައްސާން ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔައީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމަށް ކަމަށާއި އެގޮތުން މައްސަލަތަކަށް ނުފޫޒު ފޯރުވުމަކީ އެބޭފުޅުން މިހާރު ތަކުރާރުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ޣައިރު ގާނޫނީ ގޮތުން ސުޕްރީމް ކޯޓު ކުރިމަތީގައި އެއްވެ، އެވަގުތު ކުރިއަށް ދިޔަ މައްސަލަ އަށް ހުރަސްއަޅައި ޖުޑިޝަރީއަށް ހުތުރު ބަހުން މުޚާތަބުކޮށްފައިވާ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ. އަދި އެކަން ފޫބައްދަން އެންދެރިމާގެ ކައިރިއަށް އެއްވެ، ރައީސް މައުމޫން ހައްޔަރުކޮށް ދަންޖައްސައި މަރަން ގޮވީ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ ސުޕްރީމްކޯޓު ކުރިމަތީ އެމްޑީޕީން ކުރި މުޒާހަރާ މީޑިއާތަކުން ރިޕޯޓު ކުރިލެއް ފުރިހަމަ ކަމަކުން އެކަން ފޫބައްދާ ހިސާބު ނިމެނީ ޣައްސާން ހައްޔަރު ކުރާ ހިސާބުން ކަމަށެވެ.

"ކޯޓުތައް ކައިރިއަށް އެއްވުމާއި މައްސަލަތަކަށް ނުފޫޒު ފޯރުވުމަކީ އެބޭފުޅުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ކަމެއް. އެކަން މީޑިއާތަކުން ރިޕޯޓު ކުރިލެއް ފުރިހަމަ ކަމުން މިކަން ފޫބައްދަން އެހެން ކަމެއް ކުރައްވަން ޖެހިވަޑައިގެންނަވާ. މިކަން ނިމޭ ހިސާބަކީ ޣައްސާން މައުމޫން ހައްޔަރުން،" ފާރިޝް ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ އެ ދުވަހު އެއްވީ ދިވެހި އާންމު ރައްޔިތުން ނޫން ކަމަށާއި އެ ދުވަހު އެއްވީ އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރާ މީހުންނާއި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައި ތިބި މީހުން ކަމަށެވެ.
އަދި ގާނޫނޫ އަސާސީގައި ވެސް ކަންކަން ހަމަހަމަ އުސޫލަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނާ އިރު، އެއްވެސް ހެއްކެތްނެތި ޣައްސާން ހައްޔަރު ކުރުމަކީ ކަމާ ނުބެހޭ މީހަކު ހައްޔަރު ކުރުން ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ. އަދި މިހާތަނަށް ގާނޫނާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ޣައްސާން ކޮށްފައިނުވާނެ ކަމަށާއި ޣައްސާން ހައްޔަރު ކުރީ އެއްވެސް ކަހަލަ ސަބަބެއް ނެތި ޣައިރު ގާނޫނީ ގޮތުން ކަމަށް ފާރިޝް ތުހުމަތު ކުރެއްވި އެވެ.

ޣައްސާން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނަނީ އެމީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަރުތެއް ކަނޑައެޅިދާނެ ކަމަށެވެ.

ޣައްސާން މައުމޫން ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް މިއަދު ގެންދަވައި އަދި ދޫނިދޫގައި ހައްޔަރުކުރައްވާފައި މި ވަނީ އެމްޑީޕީ އަށް ނިސްބަތްވާ، ތިމަތަފުށީގެ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހޯމް މިނިސްޓަރަކީ ގާބިލު ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އަދި އޭނާ މަގާމުން ދުރުކުރައްވާނެ ކަމަށް ވިދާޅުވެ މެސެޖުތަކެއް ސާކިއުލޭޓް ކުރައްވާފައި ވަނިކޮށެވެ.