އުރީދޫ އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އުރީދޫ މަސްރޭސް" ގެ 10 ވަނަ ސީޒަން، "ޓީމް ބޮއި ބައި މިލައިދޫ" އިން ކާމިޔާބުކޮށްފިއެވެ.

މަސްރޭހުގެ ފައިނަލްގައި މިއަހަރު ވާދަކުރީ ޓީމު ބޮއިގެ އިތުރުން ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ އިނާމު ލިބޭ މި މުބާރާތުގެ އެންމެ ބަރު މަސް ބޭނި ކެޔޮޅުގެ މަގާމު ހޯދީ 7.2 ކިލޯގެ ކަޅުއޮށްފާނައެއް ބާނައިގެން، ޓީމް ވެލައްސަރުގެ އަމީން އެވެ. އޭނާ އަށް ވަނީ 5000 ރުފިޔާގެ އިނާމެއް ދީފައެވެ.

އުރީދޫ މަސްރޭހުގެ ގްރޭންޑް ފައިނަލް -- ފޮޓޯ: އުރީދޫ

މަސްރޭހުގެ ފިރިހެން މަސްވެރިޔާ އަށް ހޮވުނީ ދިވެހި ސިފައިންގެ ކްލައިބްގެ ޝިޔާޒް އެވެ. އޭނާ ވަނީ 24 މަސް ބާނައިފައެވެ. މުބާރާތުގެ އަންހެން މަސްވެރިޔާ އަކީ 11 މަސް ބޭނި ސްޓެލްކޯ ޓީމުގެ އަމީނާ އެވެ. މި ދެ މަސްވެރިންނަށް ވެސް 5000 ރުފިޔާގެ އިނާމާއި ރަންކޯރި ދިނެވެ.

އުރީދޫ މަސްރޭސް ކާމިޔާބު ކުރި ޓީމް ބޮއި އަށް މުޅި މުބާރާތުން ލިބުނީ 539.65 ޕޮއިންޓެވެ. ދެވަނަ އަށް ހޮވުނު ސްޓެލްކޯ މެންސް ޓީމަށް ލިބިފައިވަނީ 205.85 ޕޮއިންޓެވެ. ތިން ވަނަ ހޯދި ސްޓެލްކޯ ވިމަންސް ޓީމަށް ލިބިފައިވަނީ 95.25 ޕޮއިންޓެވެ.

އުރީދޫ މަސްރޭހުގެ ގްރޭންޑް ފައިނަލް -- ފޮޓޯ: އުރީދޫ

ރޭ ކުރިއަށްގެންދިޔަ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު؛ އަދި އުރީދޫ މޯލްޑިވްސްގެ އެކްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

މަސްޜޭހާ ގުޅޭގޮތުން އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަންވަރަށް ކާމިޔާބު ކަމަށެވެ.

"މި މުބާރާތުގެ ފޯރި އިތުރުކޮށްދެއްވި، މަސްރޭހުގެ އެންމެހާ ބައިވެރިންނާއި ސަޕޯޓަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ހަމައެހެންމެ، އުރީދޫ މަސްރޭސް 2019 ގެ ޗެމްޕިއަން ޓީމް ކަމަށްވާ ޓީމް ބޮއި އަށް، އަދި އިތުރު ވަނަތައް ކާމިޔާބު ކުރެއްވި އެންމެހާ މަސްވެރިންނަށް މަރުޙަބާ ކިއަން."

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމު މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ.

މަސްރޭހުގެ ދިހަ ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއްވެސް މިފަހަރު ބޭއްވިއެވެ.