މަސްތުވާތަކެތި ވިޔަފާރިކޮށް އޭގެ ބޭނުން ކުރަން ގެއެއް ބަލައި ފާސްކޮށް އެ ގޭގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު ކޯޓު އަމުރެއްގެ ދަށުން މ.އެވަރެސްޓުއާގެ ބަލާ ފާސްކޮށް އެގެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ. މ. އެވަރެސްޓްއާގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސްގަނޑަކާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން އެވަރެސްޓު އާގޭގައި ހުރީ ދަގަނޑު ތޭރި ދޮރު ކަމަށާއި ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ހަރުކޮށްފައިވާ އެ ދޮރުތައް ފުލުހުން ނަގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެވަރެސްޓުއާގެއަށް ވަނީ އެގޭ ފާރު ތަޅާލައިގެން ކަމަށާއި، އެގޮތަށް އެގެއަށް ވަންނަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

އެވަރެސްޓު އާގެއަކީ ފުޅާ ދާއިރާޢެއްގައި މަސްތުވާތަކެއްޗާއި ގުޅޭ ހުރިހާ ހިދުމަތެއް ދޭ ގެއެއްކަމަށްވެސް ފުލުހުން ބުންޏެވެ. މިގޮތަށް މަސްތުވާތަކެތީގެ ހިދުމަތްދޭ ހަތަރު ގެއެއް ފާހަގަވެފައިވާ ކަމަށާއި އެ ގޭގޭގައި ހުންނަނީ ފުލުހުން ވަނުމަށް ހުރަސް އެޅޭނެހެން ދަގަނޑު ދޮރު ހަރުކޮށްފައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.