ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓުން މިއަދު ބުނީ މެދު ރާއްޖެ ތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެ ކަމަށާއި ޖުމްލަކޮށް މުޅި ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރާ ތިން ދުވަހަށް ދެމިގެންދާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ނަމަވެސް ދެދުވަހެއް ފަހުން ދެކުނަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ދަނީ ފެން ބޮޑުވަމުންނެވެ. ފެން ބޮޑުވާ ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި ކައުންސިލްތައް ގުޅިގެން ދަނީ ކުރަމުންނެވެ.