04 Jun 2019, 20:10
ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކް އެއް ފިލްމު "ސްޓްރީޓް ޑާންސާ"ގައި ހިމަނަން ނިންމައިފިއެވެ.
ރެމޯ ޑީ ސޫޒާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުން ޕްރަބޫދޭވާ ވެސް ފެނިގެންދާނެއެވެ.
"މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ.
ވަރުން ދަވަން އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގައި ނޯރާ ފަތެހީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމަކީ "ޑާންސް" ފިލްމެކެވެ.
"މުގާބަލާ" އާ ގުޅޭގޮތުން ވަރުން ކުރި ޓްވީޓެއްގައި ބުނީ އެ ލަވައަށް 25 އަހަރު ވިނަމަވެސް އެ ލަވަ އަޑުއަހައި/ބަލައި ކޮންމެ ފަހަރަކު ގައިން ހީބިހި ނަގާކަމަށެވެ.
އެ ލަވައިގެ އާ ވާޝަން އެއް ގެނެސްދޭން ނިންމާފައިވާއިރު އެ ލަވަ ވެގެންދާނީ ޒަމާނާ އެއްގޮތަށް ގެނެސްދޭ ލަވައެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
"ސްޓްރީޓް ޑާންސާ" ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލެވެ. އަދި ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުންނެވެ.