24 Oct 2011, 12:50
ޤައުމީޔަތެއް ބިނާކުރުމަށް ކުރެވެންހުރި އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގައި ކުޅިވަރު ތައްރައްގީ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރުމަށް ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަމަވުން ރައީސް ނަޝީދު ވިދާޅުވީ، ޤައުމިއްޔަތުގެ ތަރަހައަކީ ކުޅިވަރުގެ އާންމު އުސޫލްތަކުން ފެށިގެން އަންނަ ކަމަކަށްވީއިރު، ޤައުމީއަތެއް ބިނާކުރުމުގައި ކުޅިވަރު ތަރައްގީނުކޮށް، މިއެދޭ ބާވަތުގެ ތަރައްގީއަށް މަގުފަހިވާ ގައުމީއަތެއް ބިނާކުރަން ވަރަށް ދަތިވާނެ ކަމަށެވެ. އަދި މި ފަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގެ ގައުމީ ޓީމު ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ފުޓްބޯޅަ ޓީމު ކުރާ މަސައްކަތަކީ ހަމައެކަނި ސާފް ގޭމްސްގައި ތަށި ހޯދުމެއް ނޫން. އެކަން އަޅުގަނޑަށް ޔަގީން ތި ބޭފުޅުން މި ފަހަރު ކުރައްވާނެކަން. އެއީ އަޅުގަނޑު މިހާރު ޝައްކުކުރާ ކަމެއް ނޫން،" ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާމިޔާބުގެ ސިއްރަކީ ކުޅެން ނުކުންނަ ދުވަހު ގަދަ ހިތްވަރެއްލުމެއް ނޫންކަމަށާއި، ކާމިޔާބު ގުޅިފައި އޮންނަނީ މާކުރިއްސުރެ ފަށައިގެން ހިންގާފައި ހުންނަ ކަންތައްތަކުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރުގެ ސާފް ގޭމްސްއިން ލިބިފައިވާ ތަޖުރިބާއާއި ނުގުޑާފަދަ އަޒުމަކާއެކީގައި ހުރިހާ ކުޅުންތެރިންވެސް ނުކުމެ، ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ބޯޅަ ކުޅޭތަނަށް ކުޅިބެލުންތެރިން ދާލެއް މަދުވަމުން އަންނަކަން. އެކަމުގެ އަސްލަކީ ކޮބާތޯ އަޅުގަނޑުމެން ދެނެގަންނަންޖެހޭ. މިކަމަށް ގެންނަންޖެހޭ ބަދަލު އެބަގެންނަންޖެހޭ. ގެނެސްގެން އަލުންއަނބުރާ ހުރިހާ ބޯޅައަށް ޝައުގުވެރިވާ އެންމެ ސަޕޯޓަރުން ސްޓޭޑިއަމްތަކަށް ޖޯސާއެކީގައި އެބަ ނުކުންނަންޖެހޭ" ރައީސް ވިދާޅުވި އެވެ.
މުބާރާތް ޑިސެމްބަރު ދެ ވަނަ ދުވަހު ފަށާއިރު އެ ދުވަހު އޮންނާނީ ހުޅުވުމުގެ ރަސްމިއްޔާތާއި ގްރޫޕް އޭގެ ދެ މެޗެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެން ޖެހޭ އަނެއް ދެ މެޗު އޮންނާނީ ޑިސެމްބަރު ފަސް ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހަމަ އެ ގަޑީގަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.