04 Jun 2019, 08:25
އީދު ދުވަހު އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް މައާފްކުރުމުގެ ރިވެތި ސިފަ އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނިގެ އީދު ތަހުނިޔާގެ މެސެޖްގައި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
އެންމެހާ މުސްލިމުންނަށް ރައީސް ސޯލިހުގެ އީދުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް އޮފީހުން އާންމު ކުރި މެސެޖްގައި ބުނީ، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމައުގެ އެންމެން ބައިވެރިކުރުމަށް ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާއީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުސަތެއް ކަމުގައި އެމަނިކުފާނުގެ ވިދާޅުވި އެވެ. މީގެ އިތުރުން، މިއަދަކީ ފަގީރުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"ދީލަތިކަން އިސްކޮށް، އަހުންނާއި އުހުތުންނަށް އެހީތެރިވުމަކީ، އީދުގެ އުފާވެރިކަން މުޅި މުޖްތަމައަށް ފެތުރިގެންދާނޭ ކަމެއް،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
އީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، އީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަމަ އެގޮތަށް، މި ގައުމަށް ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަސްލަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައިވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމައުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުސަތެއް ކަމުގައި ދެކި، އެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލަމެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.