04 Jun 2019, 08:12
ގައުމުގެ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަ ކަމަށް އީދު ހުތުބާގައި ގޮވާލަމުން މުޅި ރާއްޖޭގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކޮށްފި އެވެ.
މިއަހަރުވެސް ސްޓޭޑިއަމް ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ބޭއްވުމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން އެ ހަރަކާތް ބޭއްވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް ބައެއް ރަށްރަށުގައި އީދު ނަމާދު ކުރީ ބޮޑު ޖަމާއަތުގަ އެވެ.
ވާރޭ ވެހުނު ނަމަވެސް މާލޭގައި ވެސް އިސްލާމީ މަރުކަޒަށް އެތައް ސަތޭކަ ބަޔަކު އެއްވެ އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށެވެ.
މިއަދު އިއްވި ހުތުބާގައި އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ގުޅުންތައް ވަރުގަދަ ކުރުމުގެ މައްޗަށެވެ. އެގޮތުން ހުތުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ، ގައުމެއްގެ އަމަން އަމާންކަމަކީ އެ ގައުމަކަށް މާތްﷲ ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށެވެ. ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން ދަލީލް ނަންގަވަމުން، ހުތުބާ އިއްވަވަމުން އިމާމް ވިދާޅުވީ އީދަކީ ހަމައެކަނި އުފާފާޅުކުރުމުގެ ދުވަހެއް ނޫން ކަމަށާއި އެއީ ތަނަވަސްމީހުން ފަގީރުންނާއި ބޭނުން ޖެހިފައިވާ މީހުންނަށް އަޅާލުމުގެ ދުވަހެއް ކަމަށެވެ.
ގައުމުގެ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ މަސައްކަތް ކުރުމަށް މިއަދުގެ ހުތުބާގައި އިމާމް ތަކުރާރުކޮށް ގޮވާލެއްވި އެވެ.
"ﷲގެ އަޅުތަކުންނޭވެ! ޢީދު ދުވަހު އަރަމުން އަންނަ އިރާއެކު ތިބާގެ ތުންފަތުން ހިނިތުންވެލުމުގެ އިރު ފާޅުކުރާށެވެ! ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކުރާށެވެ! ގާތްތިމާގެ އެންމެންގެ މެދުގައި ރަޙިމުގެ ގުޅުން އައުކުރާށެވެ!
ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ!،" ހުތުބާގައި ގޮވާލި އެވެ.
މީގެ އިތުރުން ރޯދަ މަހު އަޅުކަން ކުރި ފަދައިން ރޯދަ މަސް ނިމުުން ވެސް އަޅުކަން ކުރުމުގައި ދެމި ހުރުމަށް ހުތުބާގައި ވަނީ ބާރު އަޅައިފަ އެވެ. އެގޮތުން، ރޯދަ މަސް ނިމުމުން ﷲއާ ދެމެދު އޮންނަ ވާފަށް ކަނޑާލާ ބަޔަކަށް ނުވުމަށް ނަސޭހަތްތެރިވި އެވެ.
އީދު ނަމާދާއި ހުތުބާއަށް ފަހު އެކަކު އަނެކަކު ވަނީ އީދު ސަލާމް ގަލާމްކޮށް ތަހުނިޔާ ބަދަލުކޮށްފަ އެވެ. ރައީސް ސޯލިހު ވެސް އިސްލާމީ މަރުކަޒުގައި ގިނަ ބަޔަކާ ސަލާމްކޮށް އީދު ތަހުނިޔާ ދެންނެވި އެވެ.