03 Jun 2019, 21:50
ޖަލު އޮޑިޓް ކޮމިޝަނުން އެކުލަވާލި ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019ގައި ފާހަގަކޮށްފައިވާ ކަންތައްތައް ބެލުމަށް ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ މިއަދު އެކުލަވައިލައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އޮޑިޓް ހަދައި ރިޕޯޓު އާންމު ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ހޯމް މިނިސްޓްރީއިން މިއަދު ބުނީ ޖަލު އޮޑިޓް ރިޕޯޓުގެ ގެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން އަބްދުﷲ (ރިޔާސަތު)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް އަލީ ނަޒީރު، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ގެ އިތުރުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ޖަލު އޮޑިޓް އޮޑިޓް ރިޕޯޓުގައި ގައިދީންގެ ދިރިއުޅުމުގެ ފެންވަރާއި، ދެވޭ ސިއްހީ ފަރުވާގެ ފެންވަރާއި، ގައިދީންނަށް ކުރާ ކަމަށް ބުނާ އަނިޔާތަކުގެ ވާހަކަތާއި ކޮރަޕްޝަނުގެ ތުހުމަތުތައް އެކުލެވިގެންވެއެވެ. އެ ކަންތައްތައް ހައްލު ކުރުމަށް އެ ރިޕޯޓުގައި 180އަށް ވުރެ ގިނަ ލަފާތައް ދީފައިވެއެވެ.