04 Jun 2019, 08:55
ދިއްލީ (ޖޫން 3): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިން ދަނީ ދީން ހަތިޔާރަކަށް ބޭނުންކުރަމުން ކަމަށް ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބަނެރުޖީ ވިދާޅުވެއްޖެއެވެ.
ބަނެރުޖީ އެފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބަނެރުޖީގެ މޮޓޯކޭޑު ކައިރިއަށް ބަޔަކު އެއްވެ، "ޖޭ ޝްރީ ރާމް" ކިޔާ، އަޑުގަދަ ކުރުމުން، އޭނާ ކާރުން ފޭބުމަށް ފަހު ނުރުހުން ފާޅު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވި ފަހުންނެވެ. ޖޭ ޝްރީ ރާމްއަކީ ހިންދޫންގެ ކަލާންގެއަކަށް ތައުރީފުކޮށް ކިޔާ ޝިއާރެކެވެ.
އެ ހާދިސާ ހިނގީ ބަނެރުޖީ ނިސްބަތްވާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް (އޭއެލްޓީސީ)އިން ވަކިވެ، ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއަށް ގުޅުނު މަޖިލިސް މެމްބަރަކަށް ތާއިދުކުރާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައެވެ.
އަދި އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ބަނެރުޖީ ވަނީ އޭނާގެ މޮޓޯކޭޑު ކައިރިއަށް އެއްވަނީ ބީޖޭޕީއަށް ނިސްބަތްވާ މީހުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ވެސްޓް ބެންގާލްގެ ބައެއް ނޫން ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އެހެން ސްޓޭޓުތަކުން އައިސް މިތާ ތިބެ އަހަރެމެންނަށް ފުރައްސާރަ ކުރަނީތަ؟ އަހަރެން ތިކަމަކަށް ފުރުސަތެއް ނުދޭނަން. ތި އެންމެންގެ ނަމާއި އެހެނިހެން ތަފްސީލު ނޯޓު ކުރާނަން،" އެ ހާދިސާގެ ވީޑިއޯއިން އިވިގެންދެއެވެ.
އަދި އެހާދިސާ ހިނގިތާ އެއް ދުވަސް ފަހުން، ބަނެރުޖީގެ މޮޓޯކޭޑު ހުއްޓުވި ކަމަށް ބުނާ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ސަބަބުން ބީޖޭޕީން ވަނީ، "ޖޭ ޝްރީ ރާމް" ލިޔެފައިވާ 10 ލައްކަ ޕޯސްޓުކާޑު ބަނެރުޖީއަށް ފޮނުވާނެ ކަމަށާއި އެހެންކަމުން 10 ލައްކަ މީހުން ހައްޔަރު ކުރަން އޭނާއަށް ޖެހޭނެ ކަމަށް ބުނެފައެވެ.
އެހެންކަމުން ބަނެރުޖީ ވަނީ އޭނާގެ ދިފާއުގައި ފޭސްބުކް މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ. އަދި "ޖޭ ޝްރީ ރާމް"އާއި އެނޫންވެސް ޝިއާރަކާ ދެކޮޅު ނަހައްދަވާ ކަމަށް ވިދާޅުވެފައެވެ.
"ސިޔާސީ ޕާޓީތަކުން އެމީހުންގެ ރެލީތަކުގައި އެއްވެސް ޝިއާރެއް ބޭނުންކުރުމާ އަހަރެން ދެކޮޅެއް ނޫން. ކޮންމެ ޕާޓީއަކުން ޝިއާރެއް ބޭނުން ކުރޭ. އަދި ކޮންމެ ޕާޓީއަކުންވެސް އެކަމަށް އިހުތިރާމު ކުރޭ. ނަމަވެސް ޖޭ ޝްރީ ރާމް އަކީ ދީނީ އަދި އިޖުތިމާއީ މާނައެއް ދޭހަވާ ޝިއާރެއް. އެކަމަށްވެސް އަހަރެމެން އިހުތިރާމު ކުރަން. ނަމަވެސް ބީޖޭޕީން ދަނީ ޕާޓީގެ ޝިއާރެއްގެ ގޮތުގައި ޖޭ ޝްރީ ރާމް ބޭނުންކޮށް، ދީނީ ކަންތައްތަކާއި ސިޔާސީ ކަންތައްތައް އެއް ކުރަމުން،" ބަނެރުޖީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ބީޖޭޕީއަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން އެގޮތަށް ދީން ބޭނުން ކުރަމުން ދަނީ ހަމަނުޖެހުން އުފައްދަން ކަމަށާއި އެފަދަ ހަރަކާތްތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބެނަރުޖީ ވިދާޅުވި އެވެ.
އިންޑިއާގައި ފާއިތުވި ދެ މަސް ތެރޭ ބޭއްވި އާއްމު އިންތިހާބުގައި ވެސްޓް ބެންގާލްއިން އޭއެލްޓީސީއަށް ލިބުނީ 22 ގޮނޑިއެވެ. އެއީ 2014 ގެ އިންތިހާބާ އަޅާ ބަލާއިރު 12 ގޮނޑި މަދު އަދަދެކެވެ. އަދި ކުރީގެ އިންތިހާބުގައި އެންމެ ދެ ގޮނޑި ލިބުނު ބީޖޭޕީން ވަނީ މިފަހަރު 18 ގޮނޑި ކާމިޔާބުކޮށްފައެވެ.