03 Jun 2019, 15:28
ދިއްލީ (ޖޫން 3): އިންޑިއާގެ ސްކޫލުތަކުގައި ހިންދީ ބަސް ދަސްކުރުން މަޖުބޫރު ކުރަން ޑްރާފްޓު ކުރި ތައުލީމީ ސިޔާސަތާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރުމާ ގުޅިގެން އެސިޔާސަތު ބަދަލުކޮށްފި އެވެ.
އެސިޔާސަތުގައި މީގެ ކުރިން އޮތީ އިންޑިއާގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ތިން ބަސް ދަސްކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން އާއްމު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ ސްޓޭޓުތަކުގައި ދަސް ކުރާނީ ހިންދީ، އިނގިރޭސި އަދި އެހެން ސްޓޭޓެއްގެ ބަސް ކަމުގަ އެވެ. އަދި ހިންދީ ނޫން ބަހަކުން ވާހަކަ ދައްކާ ސްޓޭޓުތަކުގައި ދަސް ކުރާނީ އެސްޓޭޓެއްގެ ބަހާއި އިނގިރޭސި ބަހާއި ހިންދީ ކަމަށެވެ.
ނަމަވެސް އެސިޔާސަތާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އޭގެ މަގުސަދަކީ އިންޑިއާގެ ރަސްމީ ބަހަކީ ހަމައެކަނި ހިންދީ ބަހަށް ހެދުމެވެ. އެހެންކަމުން ހިންދީ ބަސް ނޫން އެހެން ބަސްތަކުން ވާހަކަ ދައްކާ ސްޓޭޓުތަކުން ވަނީ އެސިޔާސަތާ ދެކޮޅަށް އަޑު އުފުލާފަ އެވެ.
އޭގެ ސަބަބުން މިހާރު އިންޑިއާ ސަރުކާރުން ވަނީ ހިންދީ ބަސް ނޫން އެހެން ބަހަކުން ވާހަކަ ދައްކާ ސްޓޭޓުތަކުގައި، ހިންދީ ބަސް ދަސްކުރުން މަޖުބޫރު ކުރާ ގަވާއިދު އުނިކޮށްފަ އެވެ. އަދި އެކުދިންނަށް ހިންދީ ނޫން އެހެން ބަހެއް ތިން ވަނަ ބަހުގެ ގޮތުގައި ދަސް ކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ނަމަވެސް ޓަމިލް ނާޑޫގެ ބައެއް ފަރާތްތަކުން ވަނީ އަދި ވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އެއީ ދެ ބަސް ކިޔަވައި ދިނުމުގެ ބަދަލުގައި ތިން ބަސް ކިޔަވައި ދިނުމުގެ މަގުސަދަކީ ހިންދީ ބަސް ކޮންމެވެސް ގޮތަކުން ދަރިވަރުންނަށް އުނގަންނައިދިނުން ކަމަށް ބުނެ އެވެ.
އެސިޔާސަތާ ދެކޮޅު ފަރާތްތަކުގެ ތެރޭގައި ޓަމިލް ނާޑޫގެ މައި ދެ ސިޔާސީ ޕާޓީ ކަމަށްވާ އޯލް އިންޑިއާ އަންނާ ޑްރަވިޑާ މުނެތުރާ ކަޒަގަމް (އޭއައިއޭޑީއެމްކޭ) އާއި ޑްރަވިޑާ މުނެތުރާ ކަޒަގަމް (ޑީއެމްކޭ)އިން ހިމެނެ އެވެ. އޭގެ ތެރެއިން އޭއައިއޭޑީއެމްކޭ އަކީ އާއްމު އިންތިހާބުގެ ތެރޭގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ.
"އަޅުގަނޑުމެން އަބަދު ވެސް ތާއިދު ކުރަނީ ދެ ބަސް ކިޔަވައިދޭ ސިޔާސަތަށް. ހިންދީ މަޖުބޫރު ނޫން ކަމަށް މިހާރު [ސިޔާސަތުގައި] އޮތް ނަމަވެސް އަޅުގަނޑުމެންނަކަށް ތިން ބަސް ކިޔަވައިދޭ ސިޔާސަތަކަށް ތާއިދެއް ނުކުރެވޭނެ. އެކަމާ ބެހޭ ގޮތުން ސަރުކާރާ އަޅުގަނޑުމެން ވާހަކަ ދައްކާނަން." އޭއައިއޭޑީއެމްކޭއިން ބުންޏެވެ.
ޓަމިލް ނާޑޫގެ ސްކޫލުތަކުގައި ކިޔަވާ ދެނީ ދެ ބަހެކެވެ. އެއީ އިނގިރޭސި ބަހާއި ޓަމިލް ބަހެވެ.