ރައްޔިތުންގެ މަޖިލީހުގައި އިތުރު ފަސް ކޮމިޓީ އުފައްދައި މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 17އަށް އިތުރުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދު ކުރިން އޮތް ގޮތުން މަޖިލީހުގައި އޮންނަނީ 13 ކޮމިޓީއެކެވެ. މަޖިލިސް ގަވައިދު އިސްލާހު ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން އިއްޔެ ވަނީ ކޮމިޓީގެ އަދަދު އިތުރުކުރަން ގަވައިދަށް ބަދަލުގެންނަން ނިންމައި ފާސްކޮށްފަ އެވެ.

އެ ބަދަލު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން 77 މެމްބަރުންގެ ވޯޓާއެކު 17 އަށް ކޮމިޓީތަކުގެ އަދަދު އިތުރުކުރަން ވަނީ ފާސްކޮށްފަ އެވެ.

މަޖިލިހުގައި އަލަށް އުފައްދަން ނިންމި ކޮމިޓީތައް:

  1. ޖުޑިޝަރީ ކޮމިޓީ

  2. ލާމަރުކަޒީ ކޮމިޓީ
  3. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
  4. ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ
  5. ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ

މި ކޮމިޓީތަކުގެ އިތުރުން ކުރިން ގައުމީ ސަލާމަތުގެ ކޮމިޓީގެ ނަން ދާހިލީ އަދި ގައުމީ ސަލާމަތުގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ. އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އެއްކޮށްލައި އެ ކޮމިޓީއަށް ކިޔާނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ ކަމަށްވެސް ވަނީ ނިންމަފަ އެވެ. އޭގެ އިތުރުން، ގައުމީ ތަރައްގީ ކޮމިޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލު ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން މިއަދު ދެން ފާސްކޮށްފައިވަނީ މަޖިލިސް މައްސަލަތަކާއި ބިލްތަކުގައި ބަހުސްތަގެ ވަގުތު ހަތަރު ގަޑި އިރަށް ދިގު ކުރުމަށެވެ. އަދި ކޮންމެ މެމްބަރަކަށް ދެ މިނެޓު ހަތް ސިކުންތު ލިބޭގޮތަށް ވަނީ ގަވައިދު ބަދަލު ކޮށްފަ އެވެ.

މަޖިލިސް ގައިވައިދުގައިވާ ގޮތުން މީގެ ކުރިން ބަހުސްގެ ވަގުތަކީ ތިން ގަޑި އިރެވެ. އަދި މެމްބަރުންނަށް ވާހަކަ ދައްކަން ލިބެނީ، ޕާޓީތަކަށް ނިސްބަތްވާ އަދަދަށް ބަލާ އެ ޕާޓީ އަކަށް ހަމަޖެހޭ ވަގުތުކޮޅެވެ.