03 Jun 2019, 15:42
ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކަކަށް އެހެން މެންބަރަކު ހުރަސްއެޅުއްވި ކަމަށް ބުނެ އޭނާ ރުޅިގަދަވެ، ބޭ އަދަބީ ބަހުން މުހާތަބު ކުރައްވައިފި އެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ހިނގަމުން ދިޔަ ބަހުސްގެ ތެރެއިން އޭނާއަށް ލިބިވަޑައިގަތް ފުރުސަތުގައި ޖާބިރު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިނގާ ގޮތާ މެދު ނުރުހުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ރައީސް ސޯލިހުގެ ސަރުކާރު ނުހިނގާ ކަމަށާއި އޮތީ ފާޑަކަށް ހުއްޓިފައި ކަމަށެވެ.
އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުގުތާއެއް ނަންގަވައި މައުލޫއިން ބޭރުގައި އެގޮތަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާ ނަމަ މަޑުން ނުތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ނުގުތާއަށް ފަހު ޖާބިރު ވާހަކަ ފައްޓަވަމުން ވިދާޅުވީ، "އިއްޒަތްތެރި ރައީސް! މަރަދޫ ދާއިރާގެ މެންބަރުގެ ބލ ވެރިކަން ވަރަށް ބޮޑު ވެއްޖެކަމަށް ފާހަގަވޭ. ވަރަށް ބޮޑަށް ސޮރީ އިނގޭތޯ،" ކަމަށެވެ.
އެއާ އެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ވާހަކަ ހުއްޓުވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ؛ "އިއްޒަތްތެރި މެންބަރު! ތިޔަ ވިދާޅުވީ އެއީ ވަރަށް އެހެން ހާލަތެއްގައި ދިމާވާ ކަމެއް،" ކަމަށެވެ.
އެއަށް ފަހު އަނެއްކާ ވެސް ޖާބިރު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް މަސައްކަތް ކުރައްވަނީ އޭނާއާ ރައްޔިތުން ހަވާލުކުރި ވާޖިބަށް ހުރަސް އަޅަން ކަމަށެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް އަންގައި އަމުރު ކުރާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އަދިވެސް އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު ޝަރީފްގެ "ބލ ރދ ކެޑިފައިވާ ނަމަ ހޮސްޕިޓަލްތަކާ މުއާމަލާތް ކޮށްގެން ނަމަވެސް އެކަމަށް މަޖިލީހުގެ ރައީސް ފަރުވާ ކުރައްވަން ޖެހޭ" ކަމަށެވެ.
"އެއްވެސް މެންބަރަކަށް މި މަޖިލީހުގައި އަޅުގަނޑާ ރައްޔިތުން މަތިކޮށްފައި އޮތް ޒިންމާ އަދާކުރަން ހުރަހެއް ނޭޅޭނެ. އެގޮތަށް ނުކުރުމަށް އެފަދަ މެންބަރުންނާއި ރައްޔިތުންނަށް އަޅުގަނޑު އަންގައި އަމުރުކުރަން. މިތަނުގައި އެއްވެސް މެންބަރަކަށް ބިރެއް ނުދެއްކޭނެ ތަފާތެއް ނުކުރެވޭނެ،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ޖާބިރު މިއަދު ވަނީ މަޖިލީހަށް، ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ މެންބަރުންގެ ބޮޑު ތާއީދަކުން ބަލައިގަތް އިރު، އެ މައްސަލައަކީ މިދިޔަ ހަފްތާ ކުރި ވިއްސާރައިގައި ބައެއް ރަށްރަށަށް ގެއްލުންވެފައި ވާތީ އެފަދަ ފަރާތްތަކަށް އެހީވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހުށަހެޅި މައްސަލަ އެކެވެ.