03 Jun 2019, 13:48
ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ހިދުމަތްތައް ފެށުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ބުނެފި އެވެ.
މިއަދު ހެނދުނު އައިޖީއެމްއެޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ހުރި ރޭޑިއޮލޮޖީ އިކުއިޕްމަންޓްތަކުން ރޭޑިއޭޝަން ލީކުވާ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ހިދުމަތްދެވެން އަދި ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮންޓްރެކްޓަރަކަށް މަސައްކަތްކުރީ ސިންގަޕޫރުގެ ޝަންހުއާ ކުންފުންޏެވެ. އަދި ފަހުން، އެ ހޮސްޕިޓަލަށް އިކުއިޕްމަންޓް ހޯދުމަށް ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ.
"ކޮންޓްރެކްޓާ މިތަނުގައި މަސައްކަތް ދޫކޮށްލި އިރު އަޅުގަނޑުމެންގެ ކޮންސަލްޓެންޓުން ގެނެސްގެން ބެލި އިރު އެތަނުގައި ރޭޑިއޮލޮޖީ ފްލޯގައި ލީކްވާތީ އަޅުގަނޑުމެންނަކަށް އެތަން ބޭނުންކުރާކަށް ނުފެށުނު. ވީމާ ކޮންޓްރެކްޓާއަށް އަޅުގަނޑުމެން އަންގައިފިން އެކަންކަން ރަނގަޅުކޮށް ރެކްޓިފައިކުރަން. އެކަމަށް ވަގުތު ނަގާނެ،" ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑެންޓަލް ރޫމްތަކަށް އިކުއިޕްމަންޓް ލުމުގައި ވެސް މައްސަލަތައް ދިމާވާކަން ސަލީމް ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެ ޑިޕާޓްމަންޓަށް ގެނައި އިކުއިޕްމަންޓްތައް އެތަނަށް ނުވެއްދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މީގެ ކުރިން ކޮންޓްރެކްޓާ ހުރިހާ ކަމެއް ކުރަން ހަމަޖައްސާފައި އޮތް ނަމަވެސް ވަކި ހިސާބަކުން އެތަނަށް ބޭނުންވާ ސާމާނު ހަމަޖެއްސުމަށް އެހެން ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށެވެ.
"ކޮންޓްރެކްޓާ ބަދަލުވުމުގައި އެތަނަށް ގެނައި އެއްޗެހި އެތަނަށް ނުވެއްދޭ. މާނައަކީ ޑެންޓަލް ރޫމްތަކަށް ގެނައި ބޮޑެތި ޑެންޓަލް ޗެއާސްތައް އެތަނަށް ނުވަންނަނީ. ދޮރު ހުޅުވާލީމަ ގޮސް ޖެހެނީ ދޮރުގައި. އެހެންވީމާ އަޅުގަނޑުމެން ޖެހުނީ އެ މޮޑިފައިކުރަން،" ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ހޮސްޕިޓަލް ފަރުމާކޮށްފައި ހުރިގޮތުން އެތަނުގައި ތިރީގައި ހުންނަ ގްރޭންޑް ލޮބީގައި ވިއްސާރަ މޫސުމުގައި ނުތިބެވޭނެ ކަމަށާއި އެހެންކަމުން އެތަނުގައި ބިއްލޫރި ޖަހައި ކަންތައްތައްކުރަން ޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ 17 ،18 އަދި 10 ވަނަ ކޮޓަރިތަކަކީ އާންމުންނަށް ބޭނުންކުރަން މާ ބޮޑުތަނެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"އެއީ ސައިޒުން ވެސް ބޮޑު. އަގުގެ ގޮތުންވެސް ބޮޑު. އެހެންވީމާ އަޅުގަނޑުމެން ބެލީ އެތަނުގައި އާދައިގެ ކޮޓަރިތަކަށް ބަދަލުކުރެވޭތޯ. ބަލާއިރު އެތަނުގެ މެޑިކަލް ގޭސްއާ އޮކްސިޖަން އެއްޗެތި އަޅަފައި މިހުރީ އެންމެ ކޮޓަރިއެއްގައި. ބާކީ ހުންނަ ދެ ކޮޓަރިއަކަށް ނެތް. އެހެންވީމާ އެކަން ކުރަންޏާ އިތުރު ހަރަދުތަކެއް އެބަދޭ،" ސަލީމް ވިދާޅުވި އެވެ.