ބ. ފެހެންދޫގައި ދިރިއުޅޭ، އެ އަތޮޅު ގޮއިދޫގެ ސްކޫލުގައި ކިޔަވާ ދަރިވަރުން ސްކޫލަށް ގޮއިދޫއަށް ދަތުރުކުރަން ބޭނުންކުރާނެ ފެންވަރު ރަނގަޅު ފެރީއެއް އިންޑިއާގެ އެހީގައި ހޯދުމަށް ނިންމައިފި އެވެ.

މި އަހަރުގެ ކުރީކޮޅު، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންނެވި އިރު، ރާއްޖޭގައި އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރުމަށް 106 މިލިއަން ރުފިޔާ (6.9 މިލިއަން ޑޮލަރު)ގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ބ. ގޮއިދޫގައި ކިޔަވާ އެ އަތޮޅު ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް ވަނީ އެ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ބ. ފެހެންދޫގެ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. ފެހެންދޫއަކީ ރާއްޖޭގައި އާބާދީ އެންމެ ކުޑަ އެއް ރަށެވެ.

ސްކޫލަށް ދިއުމަށްޓަކައި، ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށް ފެހެންދޫގެ ދަރިވަރުން މިވަގުތު ދަތުރުކުރަނީ ކުޑަ ޑިންގީއެއްގަ އެވެ. އެ ޑިންގީ ހަމަޖައްސާފައިވަނީ އެ ރަށުގެ ކައުންސިލާއި، ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންނެވެ.

އެހެން ނަމަވެސް އެ ޑިންގީ މިހާރު ބާވެ، ހަލާކުވަމުން ދާތީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފަނެކަމަށް ބެލެވޭ އިރު، އިންޑިއާއިން ފޯރުކޮށްދިން 106 މިލިއަން ރުފިޔާގެ ތެރެއިން ފައިސާ ހަމަޖައްސައި، ދަރިވަރުން ދަތުރުކުރުމަށް އާ ފެރީއެއް ހޯދުމަކީ ދަރިވަރުން ސްކޫލަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމަކަށް ވެގެން ދާނެ އެވެ.

މީގެ ކުރިން ފެހެންދޫގެ ކައުންސިލު މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، އެ ރަށުގެ ދަރިވަރުން ސްކޫލަށް ދިއުމަށް އުފުލާ ދަތިތަކުގެ ވާހަކަވެސް ހިއްސާކޮށްފަ އެވެ.

ފެހެންދޫގެ ދަރިވަރުންނަށް ފެރީއެއް ހޯދުމުގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް ހަ މިލިއަން ރުފިޔާ، އަދި ދެ ރަށެއްގައި އައިސް ޕްލާންޓު އެޅުމަށް އަށް މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.

ރާއްޖޭގެ އިޖުތިމާއީ ދާއިރާގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އިންޑިއާ ސަރުކާރުން ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ބޭނުންކުރާނީ ކޮން މަޝްރޫއުތަކަކަށްކަން ކަނޑައަޅަނީ ސަރުކާރުގެ އެކި އިދާރާތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ކޮމިޓިއަކުންނެވެ.