މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ހަމަނުޖެހުން ހިނގައި މެންބަރަކު އެއްލި ބިއްލޫރި ތައްޓަކުންޖެހި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދުގެ މޭމަތި ޒަހަމުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ވަގުތީ ކައުންސިލް މެމްބަރު އިލްހާމް ވިދާޅުވީ ކޮމެޓީގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެން، ހިތްހަމަޖެހިވަޑައިނުގެން އޭނާގެ ގައިގައި ބިއްލޫރި ތައްޓަކުން ޖެހީ އެމްޑީޕީގެ މެންބަރު މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު ކަމަށެވެ.

"މިއަދު ހުކުމް އިއްވާފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބުދުލް ހަމީދު ޖަލްސާއަށް ވަޑައިގެންނެވި މައްސަލައިގައި، އަޅުގަނޑުމެން ނިޒާމީ މައްސަލަ ނަގަން ފެށުމުން އެމްޑީޕީ މެންބަރުން ތިބީ ހިތްހަމަ ނުޖެހިފައި. ދެން ޖަލްސާ މެދުކަނޑައިލުމުން އަޅުގަނޑު ދިޔައީ އިގްތިސާދީ ކޮމިޓީ އަށް،" އިލްހާމް ވިދާޅުވި އެވެ. "އިބްރާހިމް ރަޝީދު ދެ ބިއްލޫރި ތަށި އަޅުގަނޑާ ދިމާލަށް އެއްލީ. އެތަނުން އެއްތަށި އައިސް އަޅުގަނޑުގެ މޭމަތީގައި ޖެހުނީ. އެތަން ކަފައިގެން ގޮސް މިހާރު ވެސް ލޭ އެބަ އާދޭ. ކޮނޑުހުޅަށް ވުރެ ތިރިން މޭމަތީގައި ޖެހުނީ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ޓީމުން މަޖިލީހަށް އައިސް އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވެސް ވިދާޅުވީ އެ ހާދިސާ ތަހުގީގުކުރަމުންދާ ކަމަށެވެ. އެ މައްސަލައިގައި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދުގެ ބަހެއް ވަނީ މިހާތަނަށް ލިބޭގޮތް ނުވެފަ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކާއި ކޮމިޓީގައި ހިނގި މާރާމާތީއާ ގުޅިގެން، 11:00އަށް ފަސްކުރި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.