އަލްޖަޒާއިރު (ޖޫން 3): އަންނަ މަހުގެ ހަތަރެއްގައި އަލްޖީރިއާގައި ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބު އެގައުމުގެ ދުސްތޫރީ މަޖިލީހުން ކެންސަލްކޮށްފި އެވެ.

އެކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް ކަމަށް ކުރިމަތިލާފައި ވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ. އަދި އެކައުންސިލުން ވަނީ ދެ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރުމަށް ޝަރުތު ހަމަނުވާކަން ނިންމާފައި ކަމުން، އަންނަ މަހުގެ ކުރީކޮޅު އިންތިހާބު ނުބޭއްވޭނެ އެވެ.

އަލްޖީރިއާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ދުސްތޫރީ މަޖިލީހުން ރިޔާސީ އިންތިހާބަށް އާ ތާރީހެއް ކަނޑައަޅާފައި ނުވެ އެވެ. އަދި ދެން އިންތިހާބު ބާއްވާނެ ދުވަހެއް ނިންމަވާނީ ވަގުތީ ރައީސް އަބްދުލްގާދިރު ބިން ސަލާހު އެވެ.

އަލްޖީރިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ކަމަށްވާ ބިން ސަލާހު ރައީސް ކަމަށް އިސްކުރީ މިދިޔަ އޭޕްރިލް މަހު ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާ އިސްތިއުފާ ދެއްވުމުންނެވެ. އެގައުމުގައި 20 އަހަރަށް ވެރިކަން ކުރެއްވި ބޫތަފްލީގާ އިސްތިއުފާ ދެއްވީ ގިނަ އަދަދެއްގެ މީހުން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުން ދިޔުމުގެ ސަބަބުންނެވެ.

އަދި ބިން ސަލާހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް އެމުޒާހަރާތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެފަރާތްތަކުން ދަނީ 1962ގައި އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ވެރިކަން ކުރަމުން އަންނަ 'އިއްޒަތްތެރިންގެ' ވެރިކަމަށް ނިމުމެއް ގެނައުމަށް ގޮވާލަމުންނެވެ.

ބޫތަފްލީގާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަން ފެށީ ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވުމުންނެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ، ރައީސްކަމުގެ މަސްއޫލިއްޔަތު ބޫތަފްލީގާއަށް ނުއުފުއްލެއްވޭ ކަމަށް ނިންމައި އޭނާ މަގާމުން ދުރުކުރުމަށް އަސްކަރިއްޔާގެ ވެރިޔާ އަހުމަދު ގައިދު ސަލާހް ގޮވާލެއްވުމުންނެވެ.