ސަރުކާރުގެ މަގާމެއްގައި ހުންނަވައިގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެފައިވާތީ، އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އޭނާ ހާޒިރުވެ ވަޑައިގަތް މައްސަލައިގައި ހިޔާލު ތަފާތުވެ، މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ މެދުކަނޑާލައިފި އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަހުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ދުވަސްކޮޅެއް ވަންދެން ހުންނެވުމަށް ފަހު އިސްމާއީލް އަބްދުލް ހަމީދު މިއަދު ޖަލްސާ އަށް ވަޑައިގަތުމުން އިދިކޮޅު ބައެއް މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި އެ މައްސަލައިގައި ރިޔާސަތާ ތަކުރާރުކޮށް ސުވާލު ކުރައްވައިފަ އެވެ. މިހާރު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ނިޒާމީ މައްސަލަ ނަންގަވައި ރިޔާސަތާ ސުވާލު ކުރައްވަމުން ގެންދެވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ހުކުމް ކުރުމުން އޭނާ މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވީ މަޖިލީހުން އަންގައިގެން ކަމަށާއި އަދި މިއަދު މަޖިލީހަށް އޭނާ ހާޒިރުވެ ވަޑައިގެންނެވީ ވެސް މަޖިލީހުން އަންގައިގެން ކަމަށެވެ.

އެ މެންބަރުންނަށް ޖަވާބު ދެއްވަމުން މަޖިލީޙުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، އެފަދަ އެއްވެސް އެންގުމެއް މަޖިލީހުން އަންގަވާފައި ނުވާނެ ކަމަށާއި އިސްމާއީލް އަބްދުލްހަމީދުގެ އެދިވަޑައިގެންނެވުމަށް މަޖިލީހުން ޗުއްޓީ ދެއްވާފައިވާނެ ކަމަށެވެ.

އެ މެންބަރުންގެ ނިޒާމީ މައްސަލަތަކާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައިގެން އިސްމާއީލް އަބްދުލްހަމީދު ވެސް ވިދާޅުވީ އޭނާ ހުންނެވީ އޮކްޓޫބަރު ،2 އިން 22 ނޮވެމްބަރުގެ ނިޔަލަށް ޗުއްޓީގައި ކަމަށެވެ. އަދި މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް ފެނުމުން އެކަން ކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅިގެން މަޖިލީހަށް ނުކުތުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރިޔާސަތުން ދެއްވި އިންޒާރުތަކަށް ވެސް ނުބައްލަވައި އިދިކޮޅު މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އެ މައްސަލައިގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އިސްމާއީލް އަބްދުލް ހަމީދު މަޖިލީހަށް ހާޒިރުވެވަޑައިގަތް މައްސަލާގައި މެމްބަރުންގެ ހިޔާލުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާތީ މަޝްވަރާ ކުރެއްވުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އަދި އެ މަޝްވަރާ އަށް ފަހު ޖަލްސާ އަލުން ފަށާނީ 11:00 ގައި ކަމަށް ވިދާޅުވެ 9:40 ގައި ޖަލްސާ މެދުކަނޑުއްވައި ލެއްވި އެވެ.

އިސްމާއީލް އަބްދުލް ހަމީދު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވިއިރު އޭނާ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ވަނީ އެ ކޯޓުގައި އެޖެންޑާ ކޮށްފަ އެވެ.