އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައި ވަނިކޮށް، ބަޔަކު އެ ކޯޓްދޮށަށް އެއްވުމުން ފުލުހުން އެ ދުވަހު އަމަލު ކުރިގޮތް ބަލައި އަންނަ ބުދަ ދުވަހުގެ ކުރިން އެންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް ]ޕީޖީ[ ފުލުހުންނަށް އަންގަވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދުވަހު ފުލުހުން އަމަލު ކުރި ގޮތް ބަލައި އެންގުމަށް ފުލުހުންނަށް އިއްޔެ އެންގެވީ، އެ މައްސަލާގައި އެ ދުވަހު ފުލުހުން އަމަލު ކުރި ގޮތް ސާފުވުމުން ދެން އެ މައްސަލަ ކުރިއަށް ގެންދަވާނެ ގޮތް ކަނޑައެޅުމަށް ފަސޭހަވާނެތީ ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަމެއް ޕީޖީގެ އޮފިޝަލް ވިދާޅެއް ނުވި އެވެ.

"ފުލުހުން އެ ދުވަހު ކަންކުރި ގޮތް ސާފުވުމުން ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ސާބިތު ދަރަންޏެއްގެ މައްސަލަ ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައި ވަނިކޮށް، އެމްޑީޕީގެ ލީޑާޝިޕުން އިންތިޒާމުކޮށްގެން އެ ދުވަހުގެ އެ ގަޑީގައި ވަނީ ސުޕްރީމް ކޯޓްދޮށުގައި މުޒާހަރާކޮށް، ކޯޓުދޮށުގައި އަޑުގަދަކޮށްފަ އެވެ.
އެ ދުވަހު ސުޕްރީމް ކޯޓަށް މުސްތަފާ ހާޒިރުކޮށް ކޮންމެވެސް ވަރެއްގެ ސުވާލެއް ކުރެއްވުމަށް ފަހު ވަނީ އެ ދުވަހުގެ ޝަރީއަތް ނިންމާލައިފަ އެވެ.

ދަށު ދެ ކޯޓުން ވަނީ މުސްތަފާގެ ސާބިތު ދަރަނީގެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދަށު ކޯޓުން ފުރަތަމަ ނިންމިތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން މެންބަރެއްގެ މައްޗަށް، ދަރިނި ގަވައިދުން ނުދައްކައި އޮތް މައްސަލައެއް ސާބިތުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.