ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ދިރާސާއެއް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރާއްޖެ ގެނެސްފައިވާ އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ އެފަދަ އިންޒާރެއްދީފައި ވަނީ މިިދިޔަ މަހުގެ 29 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އޭނާއާ ބައްދަލުކުރުމުން ކަމަށެވެ.

އެ ބައްދަލުވުމުގައި ރިޓަޔާޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، "ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި" ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

"އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ އަދުލުއިންސާފު ގާއިމު ކުރުމުގެ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އިހްތިސާސާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުން ކަމަށެވެ. ނަމަވެސް ރިޓަޔާޑް ޖަސްޓިސް ކްރީގްލާގެ އަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން އެ ކޯޓުން ފާހަގަކުރަނީ ކަންބޮޑުވުމާއި ހިތާމަޔާ އެކުގައި ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

"މިގޮތުން، އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުޢީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުޢީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައްވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގެއެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައުވެއެވެ.

ޝަރުއީ ދާއިރާއާ މެދު އޭނާގެ ވާހަކަފުޅު ހުރީ ނަފްރަތާއި ތައައްޞުބުން ފުރިގެންވާ ގޮތެއްގައިކަމާއި، ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީކުރުމާ ބެހޭގޮތުން ޝަރުއީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ އަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔަ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

"އަދި އޭނާގެ ވާހަކަފުޅު ހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށެވެ. ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.