ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހައިކޯޓުން މީގެ ކުރިން ޖަހައިދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރިޔާސީ ލޯންޗްކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބަށް އިއްވާފައިވާ ހުކުމް ހައިކޯޓުން މި ދިޔަ މަހުގެ 20 ވަނަ ދުވަހު، ބާތިލްކޮށް ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން އިއްވި ހުކުމުގައި ވަނީ އަދީބު 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބެހެއްޓުމުގެ އަމުރެއް ނެރެފަ އެވެ.

އެ އަމުރު މާދަމާގެ ނިޔަލަށް ހަމަވާތީ، ހައިކޯޓްގެ އަމުރުގައިވާ ގޮތަށް ޕީޖީއިން މިއަދު ވަނީ އަދީބުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި ތިން ގަނޑިއެއްހާއިރު އަދީބު ކޯޓްގައި ބެހެއްޓުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ބޮޑެތި ހުރިހާ ހުކުމްތަކެއް މިހާރު ވަނީ ހައިކޯޓުން ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަތައް ބަލަން ކްރިމިނަލް ކޯޓަށް އަނބުރާ ފޮނުވާލި ނަމަވެސް އެ ކޯޓްގައި އޮތް އަދީބުގެ 15 މައްސަލައެއް ވަނީ އަނބުރާ ޕީޖީއަށް ފޮނުވާލައިފަ އެވެ.

އެހެން ކަމުން އަދީބުގެ މައްޗަށް މިހާރު އޮތީ ކޯޓްގެ ހުރުމަތްކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ.