އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް މާބިންހުރާ ދޫކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ބާތިލު ކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ހިޔާނާތުގެ ކުށުގައި އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކުރީ އަދީބުގެ ހުކުމް ބާތިލު ކުރުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު "ސަން"އަށް ވިދާޅުވީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މާދަމާ ހެނދުނު ހުށަހަޅުއްވާނެ ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައިވާއިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ނިންމާފައި ވަނީ އަދީބުގެ ހުރިހާ މައްސަލަތައް ނުބަލައި އަނބުރާ ޕީޖީއަށް ފޮނުވުމަށެެވެ. އޭގެ ތެރޭގައި މާބިންހުރާ މައްސަލަވެސް ހިމެނެއެވެ. ޖުމްލަ 15 މައްސަލަ އަނބުރާ ފޮނުވާލާފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ. މާބިންހުރާ މައްސަލައިގެ ހުކުމުގެ އިތުރުން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމެއް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ. އެ ތިން މައްސަލަވެސް މިހާރު ވަނީ ބާތިލުކޮށްފަ އެވެ.