ސުޕްރީމް ކޯޓްގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އަބްދުﷲ ދީދީއަކީ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރެކެވެ.

ރައްޔިތުން މަޖިލީހުގެ އަމީން އާންމު މިއަދު މީޑިއާތަކާ ބައްދަލު ކުރައްވައި ވިދާޅުވީ، އަބްދުﷲ ދީދީގެ މައްސަލަ ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެބޭފުޅާ ހިލާފުވެފައިވާ ކަމަށް ދެކެވަޑައިގެން ކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީގެ ނިންމުންތައް އާންމު ކުރުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ އިސްފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. އޭނާާ ސުޕްރީމް ކޯޓަށް އައްޔަން ކުރީ، 1 ފެބުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް މަގާމުން ވަކިކުރުމާ ގުޅިގެން އެވެ.

---

*އެޑިޓަރުގެ ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު، ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ކަމަށް ފުރަތަމަ ލިޔެވުނީ މައުލޫމާތުގެ އޮޅުމަކުން އެވެ. ރަނގަޅު ގޮތަކީ ނަޝީދު ހުށަހެޅުއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްސަލަ އެކެވެ. އެ ކުށަށް ނިހާޔަތަށް މާފަށް އެދެމެވެ.