02 Jun 2019, 14:52
ރައްޔިތުންގެ މަޖިލީހުގައި އިތުރު ފަސް ކޮމިޓީ އުފައްދައި މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 17އަށް އިތުރުކުރަން މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލިހުގެ ގަވައިދު ކުރިން އޮތް ގޮތުން މަޖިލީހުގައި އޮންނަނީ 13 ކޮމިޓީއެކެވެ. އެހެން ނަމަވެސް، މިއަދު ހެނދުނު ގަވައިދު އިސްލާހު ކުރަން ހެދި ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި އިތުރު ކޮމިޓީތައް އުފައްދަވަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވިއެވެ. އެގޮތަށް ފާސްވީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް، އަދި އެ ކޮމިޓީތަކުގެ މެންޑޭޓު ކަނޑައެއް ނާޅައެވެ.
މަޖިލިހުގައި އަލަށް އުފައްދަން ނިންމި ކޮމިޓީތައް:
ޖުޑިޝަރީ ކޮމިޓީ
- ލާމަރުކަޒީ ކޮމިޓީ
- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
- ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ
- ފޮރިން ރިލޭޝަންސް ކޮމިޓީ
އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އެއްކޮށްލުމުން ދެން އެ ކޮމިޓީއަށް ކިޔާނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއެވެ. އޭގެ އިތުރުން، ގައުމީ ތަރައްގީ ކޮމިޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލު ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ދެން މަޖިލީހުގައި ހިމެނޭ ކޮމިޓީތަކަކީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ، އިގްތިސާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، އަދި ގަވާއިދު ކޮމިޓީ އެވެ.
ގަވައިދު އިސްލާހު ކުރާ ކޮމިޓީގެ އަގުލަބިއްޔަތުން މިއަދު އިތުރަށް ނިންމީ ކޮންމެ ކޮމިޓީއެއްގައި ތިބޭނީ 11 މެމްބަރުން ކަމަށެވެ. މީގެ ކުރިން އެކި ކޮމިޓީތަކުގައި ތިބެނީ އެކު އަދަދުތަކަށެވެ.
ގަވައިދު އިސްލާހު ކުރާ ކޮމިޓީގެ މެމްބަރަކު ވިދާޅުވި ގޮތުގައި އަލަށް އުފައްދާ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތަކަށް ވާނީ ޖޭއެސްސީ ފަދަ ޖުޑިޝަރީއާ ގުޅުން ހުރި މުއައްސަސާތައް ޒިންމާދާރު ކުރުމެވެ. އެއީ މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ކުރަމުން އައި މަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއިން އެކުލަވާލި އެޖެންޑާ 19 މެނިފެސްޓޯގައި ޖުޑިޝަރީއާ ގުޅުންހުރި މުއައްސަސާތައް ހަރުދަނާ ކުރުމުގެ ވާހަކަ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީޖުގެ ސުޕަމެޖޯރިޓީ ހޯދި އެމްޑީޕީއަށް މަޖިލީހުގެ މުހިންމު ކޮމިޓީތަކުގެ އަގުލަބިއްޔަތު ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.