02 Jun 2019, 14:37
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި ހަފްތާގައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަޖިލީހުގެ އަމީން އާންމު މަރިޔަމް ނިއުޝާ ވިދާޅުވީ، ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރުކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި ކމަށެވެ.
"އިންޑިއާގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރުކުރައްވާނީ މި މަހުގެ 8 ވަނަ ދުވަހު. [އެ ދުވަހު] އިރުއޮއްސި 6:45 ގައި ޖަލްސާ ބާއްވާފައި، އެ ޖަލްސާގައި އެކަންތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި އޮތީ،" މަޖިލީހުގެ އަމީން އާންމު ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ ބޮޑުވަޒީރު މޯދީ ތަގުރީރުކުރައްވާ ޖަލްސާއަށް ކެބިނެޓުގެ މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ހުރިހާ ސަފީރުންނަށް ދައުވަތު އަރުވާނެ ކަމަށެވެ.
މޯދީ މި ހަފްތާގެ ހުކުރު ދުވަހުން ހޮނިހިރު ދުވަހަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި މޯދީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވަނީ ރުހުން ދީފައެވެ. މަޖިލީހުގެ ތަޅުލުމް އެގޮތަށް ފާސްކުރީ އެ ބޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ.

2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް ތަގުރީރުކުރެއްވި ދުވަހު، އެ މަޖިލީހުގެ ރައީސާއި ބައެއް މެމްބަރުންނާއެކު --
މީގެ ކުރިން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ބޭރު ގައުމެއްގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ތަގުރީރުކުރައްވާފައިވަނީ އިންޑިއާގެ އޭރުގެެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހެވެ. އެއީ 2011 ވަނަ އަހަރުގެ ތެރޭގައެވެ.
ބޮޑުވަޒީރު މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލައިގައި ބަހުސްކުރައްވަމުން ހުރިހާ ޕާޓީތަކެއްގެ މެންބަރުން ވެސް ވިދާޅުވީ ގައުމެއްގެ ހެޑް އޮސް ސްޓޭޓެއް މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މެންބަރުން ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖެއާ އެހާ ގާތް ގައުމަކަށް ވާއިރު، އެ ގައުމުގެ އިސްވެރިޔާ ރާއްޖެ ވަޑައިގަންނަވާއިރު އެ ޝަރަފު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށެވެ.