ތިން ވަނަ ފަހަރަށް ޗިޓު ފޮނުވައިގެން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔުމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ހައްޔަރުކޮށް މިއަދު ދޫނިދޫއަށް ގެންގޮސްފި އެވެ. ޣައްސާނު ހައްޔަރު ކުރީ މ. އެންދެރިމާގެ ކައިރި އަށް ބުރާސްފަތިދުވަހު އެމްޑީޕީން އެއްވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގަށެވެ.

http://sun.mv/albums/l_2144.jpg
ފުލުހުންގެ އެންގުމަށް، މިއަދު ހެނދުނު 10:00 ޖެހިއިރު ޣައްސާނު ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާ ހައްޔަރު ކުރީ ފުލުސް އޮފީހަށް ވަންތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ފުލުހުން ޣައްސާނު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދީ ކަމަށް ޣައްސާނުގެ ގާނޫނީ ވަކީލުން ވަނީ މިއަދު ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނަނީ އެ މީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތައް ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަތުރުތެއް ކަނޑައެޅިދާނެ ކަމަށެވެ.

ޣައްސާން ފުލުސް އޮފީހަށް ހާޒިރު ވިއިރު ވެސް ފުލުހުންގެ މައި މަރުކަޒު ކައިރީގައި މީހުން ޖަމާވެފައި އޮތެވެ. އަދި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައެވެ. ނަމަވެސް އެއްވެފައި މީހުން ނުރުހުން ފާޅުކުރަން ފެށީ ޣައްސާނު ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އެރުވި ހިސާބުންނެވެ. އެގޮތުން އެއްވެފައިވާ ބައެއް މީހުން ވަނީ ޣައްސާނު ދޫނިދޫއަށް ގެންދިޔަ ސަބަބު ސާފުކުރުމަށް ފުލުހުންގެ މައި އިދާރާއަށް ވެސް ވަދެ ފައެވެ. އަދި އެއް ބަޔަކު ހޯމް މިނިސްޓަރު ހަސަން އަފީފާ ބައްދަލްކުރުމަށް ހޯމް މިނިސްޓްރީއަށް ވެސް ދިޔައިރު ނުރުހުން ފާޅުކޮށް އެ ސަރަހައްދުގައި ތިބި ފުލުހުންނާ ކުރިމަތިލާފައި ވެއެވެ.

މި ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފާ އެ ސަރަހައްދަށް ވަދެވަޑައިގެންނެވުމުން ބަޔަކު އޭނާއާ ދިމާކޮށްލައި ފެންފުޅިތައް އުކާފައި ވެއެވެ. އަދި ޝަރީފަށް ހަމަލާދޭން ވެސް ބައެއް މީހުން މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ ޝަރީފު ވަށައިލާ ހިމާތަޔް ދީފައެވެ. ހަމަ އެވަގުތު ފޮރިން މިނިސްޓަރު އަހުމަދު ނަސީމާ ދިމާއަށް ވެސް ބައެއް މީހުން ދުވަފައި ދިޔަ އެވެ. ނަމަވެސް ނަސީމް ވަނީ ސައިކަލުގައި އެ ސަރަހައްދުން ނުކުމެ ވަޑައިގެންފައެވެ.

ޣައްސާނު ހައްޔަރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޣައްސާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ގާނޫނީ ވަކީލު، އަދި ޣައްސާނާ ދެބެންގެ ދެދަރި މައުމޫން ހަމީދު ވަނީ ކްރިމިނަލް ކޯޓަށް ވަޑައިގެން ޣައްސާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ އޭނާ މިނިވަން ކޮށް ދިނުމުގެ އަމުރެއް ނެރެދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ޣައްސާނުގެ ލޯޔަރުންގެ ޓީމުގެ ފަރާތުން ވާހަކަ ދެއްކެވީ މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) ވިދާޅުވީ ޣައްސާނު މައުމޫން ހައްޔަރު ކޮށްގެން ފުލުހުން އޭނާ ގެންދާނެކަން ކުރިން ވެސް އެނވަޑައިގަންވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ޣައްސާނު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައިވަނީ އެމްޑީޕީއާއި ސަރުކާރުގެ އިސް ބޭފެޅުންގެ ފިއްތުމުގެ ސަބަބުންކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ދޫނިދޫއަށް ގެންދިއުމުގެ ކުރިން ކޯޓަށް ގެންގޮސްގެން ބަންދުގައި ބެހެއްޓުމަށް ހުށައެޅުމުގެ ފުރުސަތު އޮއްވައި ފުލުހުން އެގޮތަށް ކަންތައް ކޮށްފައިވަނީ ފުލުހުންނަށް ބަންދުގައި ބެހެއްޓޭނެ މުއްދަތުގައި ޣައްސާނު ބެހެއްޓުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޣައްސާނުގެ ދައްތަ ދުންޔާ މައުމޫން ވިދާޅުވީ ޣައްސާނު ހައްޔަރުކޮށްފައި ވަނީ ޣައްސާން މައުސޫމް ކަމާއިއެކު ހުއްޓާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން މިއަދު އަމަލުކޮށްފައިވާ ގޮތް، އާއިލާގެ ފަރާތުން ކުށްވެރި ކުރާކަމަށާއި، އެކަން ބައިނަލް އަގުވާމީ މުޖުތަމައާ ހިއްސާ ކުރާނެ ކަމަށެވެ.


---


ޣައްސާނު ހައްޔަރު ކުރުމާ ގުޅިގެން މައުމޫން ސަޕޯޓަރުން އެންދެރިމާގޭ ކައިރިއަށް ޖަމާވުމަށް އަންގަމުންދާ ކަމަށް ވެއެވެ.
http://sun.mv/albums/l_2143.jpg

11:11 ޣައްސާނުގެ ވަކީލުންގެ ޓީމުން ވައްޑޭ ވިދާޅުވީ ޣައްސާނާ މެދު ފުލުހުން ކަންތައް ކުރާނީ އެގޮތަށްކަން ކުރިން ވެސް އެނގޭ ކަމަށާއި ދޫނިދޫއަށް ނުގެންގޮސް ކޯޓަށް ގެންގޮސްގެން ވެސް ވާން އޮތް ކަމެއްގައި އެގޮތަށް އަމަލު ކުރާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ.

http://sun.mv/albums/l_2150.jpg

"އެހެން ވެގެން ކޯޓު މަރުހަލާއިން ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިހާރު ވާނީ ކޮށްފައި، އަދި މިކަން ބައިނަލް އަގުވާމި މުޖުތަމައަށް އަޅުގަނޑުމެން މިދަނީ އަންގަމުން،" ވައްޑޭ ވިދާޅުވި އެވެ.

11:06 ފުލުސް އޮފީހަށް ވަދެގަން މީހުން މިވަގުތު ވެސް ތިބީ އެތެރޭގަ އެވެ. ނުވަދެވުނު މީހުން ހޯމް މިނިސްޓްރީއާ ދިމާއަށް އެބަދެ އެވެ.

11:03 ފުލުސް އޮފީސް ކައިރީގައި ހަމަނުޖެހުން ހިންގަމުން އެބަދޭ. ފުލުސް އޮފީސްތެރެއަށް ވަދެގެންފި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމްދު ޝަރީފާ ބަޔަކު ދިމާކޮށް ގަޔަށް އަތްލި ކަމަށްވޭ. އެތަނުން ފޮރިން މިނިސްޓަރު ނަސީމާ ވެސް ދިމާ ކުރި

10:54 ޣައްސާނު ދޫނިދޫއަށް ފުރުވާލައިފި

10:49 ޣައްސާން ހައްޔަރު ކުރުމާއެކު އޭނާގެ ލޯޔަރުންގެ ޓީމުން ކްރިިމިނަލް ކޯޓަށް ހުށަހެޅީ ޣައްސާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށްވާތީ އޭނާ މިނިވަން ކޮށްދޫކޮށްލުމުގެ އަމުރެއް ނެރެދިނުމަށެވެ، އާޒިމާއާއެކު ވަޑައިގެން މައްސަލަ ހުށަހެޅުއްވެވީ ޣައްސާނާ ދެބެންގެ ދެދަރި ލޯޔަރު މައުމޫން ހަމީދެވެ.

10:33 ޣައްސާނު ބަންދުކޮށް ހައްޔަރު ކުރުމާ ގުޅިގެން ޣައްސާނުގެ ބަންދާމެދު ގޮތެއް ކަނޑައެޅައި ދިނުމަށް އެދި ޣައްސާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ވަޑައިގެން ދާދި ދެންމެއަކު މައްސަލަ ހުށަހަޅުއްވައިފި، އާޒިމާ އަދިވެސް ކޯޓުގައި އެބަ އިންނެވި.

10:20 ފުލުސް އޮފީސް ކައިރީގައި ތިބި ނޫސްވެރިންގެ ތެރެއިން ފާސް ނެތް ނޫސްވެރިން ފަހަތައް ޖައްސައިފި.

http://sun.mv/albums/l_2139.jpg
ޣައްސާނުގެ ވަކީލާއި އާއިލާގެ ބޭފުޅުން ފުސް އޮފީސް ކުރިމަތީގައި


ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އައްބުދުލް ގައްޔޫމް ގެ ދަރިކަލުން ގައްސާން ފުލުސް އޮފީހުގައި ހިފަހައްޓައިފި ކަމަށް ޣައްސާންގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނަނީ އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތައް ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުޖވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަތުރުތެއް ކަނޑައެޅިދާނެ ކަމަށެވެ. (ތަފުސީލު އަންނަނީ)